ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ، މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ބޯޑެކެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އުފެއްދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. ރަޖިސްޓްރާރ: ޢާއިޝަތު ޢާޠިޔާ ނަޞީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން

2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރ

3. ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރު

4. ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުޙައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރު

5. ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ ޢަލީ، އެޑިޔުކޭޝަން އޮފިސަރު

ތައުލީމީ ގާނޫނު ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް މަސް ތެރޭގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލަން ޖެހޭނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެއެވެ.

މި އަހަރުގެ ދިރާސީ އާ އަހަރާއެކު ތައުލީމީ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ.

ތައުލީމާ ބެހޭ ގާނޫނަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ތައާރަފްކުރި ގާނޫނެކެވެ.