މި މަހުގެ އަށް ވަނަ ދުވަހު މާލޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 33 މީހަކު ފިޔަވައި ދެން ތިބި މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގު ފުރިހަމަވާ ވަރަކަށް ހައްޔަރުގައި ތިބި މީހުން ދޫކުރަމުން ގެންދާނެ ކަމަށެވެ. ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބީ ލ. އަތޮޅުން ހައްޔަރު ކުރި ފަސް މީހަކާއި އައްޑޫން ހައްޔަރުކުރި 28 މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މަހުގެ އަށް ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން ކަމަށެވެ.

އައްޑޫ ޕޮލިސް ސްޓޭޝަންތަކަށާއި ކޯޓުތަކުގައި ހުޅުޖަހައި މި މަހުގެ އަށް ވަނަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އައްޑޫ ސިޓީން 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާ އެކު ބައެއް ރަށްރަށުގެ ކޯޓުތަކާއި ކައުންސިލް އިދާރާތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި ބައެއް ރަށްރަށުން ފުލުހުން ވަނީ ބޭރުކޮށްލައިފަ އެވެ.

އަދި ހާދިސާތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އެތަންތަނުގައި ރޯކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެމްޑީޕީން އިސްނަގައިގެން މާލެ އާއި އަތޮޅުތަކުގައި ބޭއްވި މުޒާހަރާ ކޮންޓްރޯލުން ނެއްޓި ބަޔަކު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް 112 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަޝީދު އިސްތިއުފާ ދެއްވީ، ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ސިފައިން ލައްވައި ސަރުކާރުން ހައްޔަރު ކުރި މައްސަލާގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އަށް ފަހު، ކުރި މަތިވި ޕްރެޝަރުތަކާ ގުޅިގެން އަމިއްލަ އަށެވެ. ނަމަވެސް އިސްތިއުފާ ދެއްވިތާ 24 ގަޑި އިރު ފަހުން ނަޝީދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ "ބޮލުގައި ބަޑި ޖެއްސުމުން" ކަމަށެވެ.