ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އަލިފުށީ ސްކޫލަށް ދެ ވާހަކަފޮތް ހަދިޔާކުރައްވައި، އެ ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މެޑަމް ފަޒްނާ އަލިފުށީ ސްކޫލަށް ޒިޔާރަތްކުރެއްވީ ރައީސްގެ ދެކަނބަލުން ށ. އަތޮޅުގެ ބައެއް ރަށްރަށާއި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އަލިފުށީ ސްކޫލަށް ޒިޔާރާތްކުރެއްވުމަށްފަހު މެޑަމް ފަޒްނާ ވަނީ އެ ސްކޫލުގެ ލައިބްރަރީއަށް ގަނާކުރުމާއި ޖިންސީ ގޯނާއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި އެ ސްކޫލުގެ ގުރޭޑް ދޭކާއި ހައެއްގައި ކިޔަވާ ދަރިވަރުންނަށް އެ ފޮތް ވިދާޅުވެ ވެސް ދެއްވާފައެވެ.

ހަމައެއާއެކު އެކަމަނާ ވަނީ ގަނާކުރުމުގެ ޝިކާރައަކަށް ވެއްޖެނަމަ އަމަލުކުުރާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ގަނާ ކުރުން ހުއްޓުވުމަށް ކުދިންނަށް އަމަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ.

މެޑަމް ފަޒްނާގެ މި ޒިޔާރަތުގައިި އެކަމަނާ ވަނީ ފައުންޑޭޝަން ލެވެލްއިން ފެށިގެން އޯލެވެލްއަށް ތައްޔާރުވަމުންދާ ކުދިންނާ ވަކި ވަކިން ބައްދަލުކުރައްވައިފައެވެ. އަދި ކިޔެވުމާ ގުޅޭގޮތުން އެކުދިންނާ ވާހަކަފުޅުދެއްކެވިއެވެ.

ގޮތުން އެކަމަނާ ވަނީ އޯލެވެލްއަށް ތައްޔާރުވުމުގައި ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދަރިވަރުންނާއެކު ވާހަކަދައްކަވާފައެވެ.

މި ޒިޔާރަތުގައި ސްކޫލްގެ ޓީޗަރުންނާއެކު މެޑަމް ފަޒްނާ ބޭއްވި ބައްދަލުވުމުގައި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، އެފަދަ އަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް އަދާކުރެވޭނެ ދައުރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުންގެ މި ރަސްމީ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.