މި ސަރުކާރު އައިސް ފުލުހުންގެ ހިދުމަތް އިސްލާހުކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތަކާއެކު ފުލުހުންގެ ހިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހުގައިއެވެ.

މިއަދު ހެނދުނު އަލިފުށީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ބޭނުންވާ ކަންކަމާއި މިހާރު ހުރި ގޮންޖެހުންތައް ފުލުހުން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.

ފުލުހުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމާއި އިންސާނީ ވަސީލަތްތަކުގެ ދަތިކަން ހިމެނެއެވެ. އަދި ބައެއް ޕޮލިސް ސްޓޭޝަންތައް މަރާމާތު ކުރަން ޖެހޭކަންވެސް ފުލުހުން ފާހަގަ ކުރިއެވެ.

އެހެންކަމުން ފުލުހުން އެދުނު ކަންކަން ހައްލުކުރުމަށް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި ހުރިގޮތްތަކުގެ މައުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. އަދި މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަންކަމަށް ހައްލެއް ހޯދައި ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޑިސެންޓަރަލައިޒްކޮށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ފުލުހުންގެ ހިދުމަތަށް ލިބިގެންދާނެ ކުރިއެރުންތަކާއި ފައިދާތައް ގިނަ ކަމަށެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީގެ ބޯޓްޔާޑްތައް ހިމެނޭ ސަރަހައްދަށް ޒިޔާރަތްކުރައްވައި، ހަތަރު ބޯޓުޔާޑެއް ބައްލަވާލައްވައިފައިއެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުންނާއި ދިމާވާ ދަތިތަކާ ބެހޭ ގޮތުން އެތަންތަނުގެ އިސް ފަރާތްތަކާ ހިޔާލު ބަދަލު ކުރައްވާފައެވެ.