ރާއްޖެ ޓީވީގެ ހިދުމަތް މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދެމުން އަންނަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިންޒާރުތައް ދެމުން ގޮސް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުއްލި ގޮތަކަށް ރާއްޖެ ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމުގެ ހުއްދަ ދިނުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިމެނޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އަށް އެޑްރެސްކޮށް އަމިއްލަ މީހަކު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ހަމައެކަނި ދީފައި ވަނީ މާލޭގެ ސަރަހައްދަށް އެކަނި ކަމަށާއި ނަމަވެސް ބްރޯޑްކާސްޓިން ގާނޫނާއި އަދި ހެދިފައި ހުރި އުސޫލުތަކާ ހިލާފަށް އެ ޓީވީގެ ހިދުމަތް ދުރަށް ފޮނުވަމުން ގެންދާ މައްސަލަ ބައެއް ފަރާތްތަކުން ހުށަހެޅުމުން އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދިންތާ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެ އަށް ރާއްޖެ ޓީވީގެ ހިދުމަތްދޭން ނިންމި، ނިންމުމަކީ ސުވާލުއުފެދޭ ކަމެއް ކަމަށެވެ. އަދި އެކަންތައްތައް ހިންގައި ދިޔަ ގޮތް ބަލައި، ފިޔަވަޅުއަޅައި ދިނުމަށް ވެސް އެސިޓީގައި ވަނީ އެދިފަ އެވެ.

ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީއާ ބެހޭ ގޮތުން އޭ ސީސީގެ އޮފިޝަލަކު ވިދާޅުވީ އެސިޓީ ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިގެންނަވާނީ ހޯމަ ދުވަހު އޮފީސް ހުޅުވުން ކަމަށެވެ.

އެކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއްނަސީރު މިއަދު ވިދާޅުވީ ރާއްޖެ ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމާ ބެހޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ އެސިޓީއާ ބެހޭ ގޮތުން ސީދާ އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.

"ރައީސެއްގެ ހައިސިއްޔަތުން އެކަމާ އެއްޗެއް ބުނުން އެހާ ބުއްދިވެރިން ނޫން،" ބަދުރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމުގެ ހުއްދަ އެޗެނަލް އޮޕަރޭޓްކުރާ މީޑިއާ ރިންގަށް ދީފައި ވަނީ އެ ހިދުމަތް ފުޅާކުރުމަށް އެދި އެފަރާތުން ހުށަހެޅުމުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.

އެ ހުއްދަ ރާއްޖެ ޓީވީގެ އޮޕަރޭޓަރުންނަށް ދިނުމާ އެކު ވީޓީވީ، ދި ޓީވީ އަދި ސަން އެފްއެމުން ވަނީ މުޅި ރާއްޖެ އަށް އެ މުއައްސަސާތަކުގެ ހިދުމަތް ދިނުމުގެ ހުއްދައަށް އެދިފަ އެވެ. އަދި އެ ސްޓޭޝަންތަކުން ވަނީ މީގެ ކުރިން ވެސް މުޅި ރާއްޖެ އަށް ހިދުމަތް ދިނުމަށް އެދިފަ އެވެ.

ވީ ޓީވީ އާއި ދި ޓީވީން މުޅި ރާއްޖެ އަށް ހިދުމަތް ދޭން ނިންމާފައި ވަނީ އާޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށް ބުނެފައިވާ އިރު އެއީ ކޮން ކަހަލަ ޓެކްނޮލޮޖީއެއްކަން ސާފުކޮށްދިނުމަށް އެކޮމިޝަނުން ވަނީ އެސްޓޭޝަންތަކަށް އަންގާފައިފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ސަން އަށް މުޅި ރާއްޖެ އަށް ހިދުމަތް ފުޅާކުރުމުގެ ލައިސަންސް ދިނުމަށް ނިންމާފައި ކަމަށެވެ.