ވޮޝިންޓަން (ސެޕްޓެމްބަރު 9) : ތާލިބާން ޖަމާއަތުން އުފައްދާ ސަރުކާރަކަށް ބެލުމެއްނެތި ޗައިނާއިން އެޖަމާއަތާ ގުޅުން ބަދަހި ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ ތާލިބާނުން އުފައްދާ ސަރުކާރަކަށް ބެލުމެއްނެތި އެޖަމާއަތުގެ ވެރިކަމާ މުއާމަލާތްކުރުމަކީ ޗައިނާއަށް މަސްލަހަތު ހުރިކަމެއްކަމަށް އެގައުމުން ދެކޭނެކަން ޔަގީންވާކަމަށާ ޗައިނާއާ ތާލިބާނުންނާ ދެމެދު ބައެއް މައްސަލަތައް ހުރިނަމަވެސް އެކަން ހައްލުކޮށް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް އެދެފަރާތުން ހޯދާނެކަމުގައެވެ.

ޗައިނާގެ އިތުރުން ޕާކިސްތާނާއި އީރާނާއި ރަޝިޔާއިންވެސް ތާލިބާނުންނާ ގުޅިގެން މަސައްކަތްކުރާނެކަމަށް ބެލެވޭކަމަށާ އެތިން ގައުމުންވެސް ތާލިބާނުންގެ ސަރުކާރާ މުއާމަލާތްކޮށް ގުޅުންތައް ގާއިމްކުރާނެ މާހައުލެއް އުފައްދާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. އެމެރިކާއާ ޚިލާފަށް ޗައިނާއަކީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ގައުމެއްނޫނެވެ. އެހެންކަމުން ތާލިބާނުން ސަރުކާރު އުފައްދާގޮތާ އަދި އެސަރުކާރުގައި ހިމެނޭ މަސްއޫލުވެރިންނާ މެދު ޗައިނާ ބެހޭނެކަމަކަށް ނުފެނެއެވެ.

އަފްޣާނިސްތާނަކީ ހައިޓެކް ގެ އުފެއްދުންތަކަށް ބޭނުންވާ ލެތިޔަމް ފަދަ ނާދިރު އެތަށް މައުދަން ތަކެއް ހުރި ގައުމެކެވެ. މިއީ ޗައިނާވެސް އަދި އެމެރިކާވެސް އިންތިހާއަށް ބޭނުންވާ މައުދަން ތަކެކެވެ. ލެތިޔަމް ގެ އެންމެ ބޮޑު ރިޒާވް ވަނީވެސް އަފްޣާނިސްތާނުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާ ޚިލާފަށް އެމެރިކާ މިހާރުވެސްވަނީ ތާލިބާނުންގެ ސަރުކާރުގައި އެމެރިކާއަށް ބޭނުންވާ މީހުން ތިބިކަމަށް ބުނެ އަފްޣާން ސަރުކާރުގެ ކަންތައްތަކާ ބެހެމުންނެވެ. އަފްޣާނިސްތާނުގައި ކަންކަން ކުރަންޖެހޭ ގޮތާއި ނުކުރަންޖެހޭ ކަންކަމުގެ ވާހަކަތައް ދައްކަމުންނެވެ. މީގެއިތުރުން އަންހެނުންގެ ހައްގުތަކުގެ ނަމުގައާއި އިންސާނީ ހައްގުތަކުގެ ނަމުގައިވެސް އެމެރިކާ ގެންދަނީ ތާލިބާނުންނަށް އެކިއެކި އިންޒާރުތައްދީ އަފްޣާން ދާޚިލީ ކަންކަމަށް ބާރު ފޯރުވުމަށާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާގެ އަމިއްލަ ފިކުރު ފަތުރަން މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެމެރިކާ އަފްޣާނިސްތާނަށް އަރައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގައި އަފްޣާން އަންހެނުންގެ އެތަށް ހާސްބަޔަކު މަރާފައިވެއެވެ. އަދި އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ އާންމުން މަރައި އެމީހުންގެ މަރުވެފައިވާ ހަށިތަކުގެ މައްޗަށް ކުޑަކަމު ދިޔުންފަދަ އިންސާނިއްޔަތާ ޚިލާފު އެތަށް ޖަރީމާތަކެއް ހިންގާފައިވެއެވެ. އަފްޣާން ރައްފުށުގެ ގެތަކަށް އެމެރިކާ ސިފައިން ވަދެ އެގެތަކުގައި ދިރިއުޅޭ އާއިލާތަށް މަރައި އެމީހުންގެ ހަށިތަކުގައި ހުޅު ޖަހައި އެންދުންފަދަ ގައިން ހީބިހި ނަގާފަދަ ލާއިންސާނީ ޖަރީމާތައް އަފްޣާނިސްތާނުގައި އެމެރިކާ ހަނގުރާމަ ކުރި ދުވަސްވަރު ހިންގާފައިވެއެވެ.

މީގެއިތުރުން ޑިމޮކްރަސީ ގެ ނަމުގައި އެމެރިކާގެންގުޅޭ ފިކުރާ އެއްގޮތަށް އަފްޣާނިސްތާނުގައި އެމެރިކާ ގާއިމްކުރި ވެރިކަމުގެ ނިޒާމުގައިވެސް އޮތީ ވައްކަމާއި ކަރަޕްޝަނާއި ރިޝްވަތުކަން ވަނީ ހާމަވެފައެވެ. އެމެރިކާ އަފްޣާނިސްތާނުގައި ގާއިމްކުރި ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ ތާއީދު ނެތުމުން އެމެރިކާ އަފްޣާނިސްތާނުން ފޭބުމާއެކު އެނިޒާމުވަނީ ރޫޅިގެން ގޮސްފައެވެ.

ރައީސް އަޝްރަފް ޣަނީ އާއި އޭނާގެ އައުވާނުންވަނީ ގައުމުން ފިއްލަވާފައެވެ. ޣަނީ ފިއްލެވީ ގިނަ އެތަށް މިލިޔަން ޑޮލަރެއް އަފްޣާން މަރުކަޒީ ބޭނުން ވަގަށް ނަންގަވައިގެންކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލި ސަރުކާރަށް ޗައިނާއާއި އީރާނާ ޕާކިސްތާނާ ރަޝިއާއިން ފާޑުކިޔާ ފައެއް ނުވެއެވެ. ނަމަވެސް އެސަރުކާރަށް އިއުތިރާފްވިކަން އެގައުމުތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ޚިލާފަށް ތާލިބާނުންގެ ވެރިކަމާމެދު މިހަތަރު ގައުމުގެ އަމަލުތައް ހުންނަކަމަށް ފެންނަނީ އީޖާބީ ގޮތެއްގައެވެ.