އަލިފުށީ އެއާޕޯޓްގެ ވާހަކަ ބަޖެޓްގައި ހިމަނާފައި އެބައޮތް ކަމަށާއި ބަޖެޓްގައި ނެތް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިދިޔަ އަހަރުތަކުގައި އޭނާ މަސައްކަތްކުރި ކަމަށާއި އަލިފުށީގެ ބިން ހިއްކުން ބަޖެޓްގައި ހިމަނާފައި އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓްގެ ދަށުން ހިންގޭ ޕޮރޮގްރާމްގެ ތެރެއިން، ވަކި ރަށެއްގެ ނަން ނުޖަހާ އެކި ރަށްރަށުގައި އެއާޕޯޓު އެޅުމަށް ހިމަނާފައިވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވަނީ އެންމެ ބޮޑު ގޮންޖެހުމަކަށް އަންނަނީ ބަޖެޓްގައި ނެތް މަސައްކަތެއް އަލިފުށީގައި ކުރީ ވަކި މީހަކަށް ވީތިއްޔޭ. އެހެނެއް ނޫން އެކަން އޮތީ. އަޅުގަނޑަކީ ބަޖެޓް ދިރާސާކުރާ ކޮމެޓީގަ މިދިޔަ އަހަރުތަކުގައި މަސައްކަތްކުރި މީހެއް. އަލިފުށީގެ ބިން ހިއްކުން ބަޖެޓްގައި އެބައޮތް. ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓްގެ ދަށުން ހިންގޭ ޕޮރޮގްރާމްގެ ދަށުން ވަކި ރަށްރަށުގެ ނަން ނުޖަހާ އެކި ރަށްރަށުގައި އެއާޕޯޓް އެޅުން ބަޖެޓްގައި އިންނާނެ،" ބިގޭ ވިދާޅުވިއެވެ.

ބިގޭ އިތުރަށް ވިދާޅުވީ ބަޖެޓްގައި ހިމަނާފައި ނެތް މަސައްކަތެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

ރ.އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް މަސައްކަތް ކުރިއެވެ. އެފަހަރު އެއާޕޯޓު އަޅަން ހަވާލު ކުރީ ރ. ފައިނުގައެވެ.

ފައިނުގައި އެއާޕޯޓު އަޅަން ހަވާލު ކުރިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީންގެ ދައުުރު ހަމަވުމުން އެ މަސައްކަތް ހުއްޓުނެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފައިނު އެއާޕޯޓުގެ މަސައްކަތް ނުކުރަން ނިންމީ ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެއެވެ. ނަމަވެސް އޭރު ވެސް އަލިފުށީ އެއާޕޯޓެއްގެ ވާހަކައެއް ދެކެވިފައެއް ނުވެއެވެ.

މި އަހަރުގެ ޖަނަަވަރީ މަހު އިއުލާނުކުރި ފަސް އެއާޕޯޓުގެ ލިސްޓުގައި ވެސް އަލިފުށްޓެއް ނެތެވެ. އެފަހަރު އިއުލާނުކުރީ، ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށެވެ.

ބިގޭ ވިދާޅުވީ މި މައްސަލައިގައި އޭނާއާއެކު އެންމެ ކައިރިން މަސައްކަތްކުރައްވާ މެމްބަރުން ސޯޝަލް މީޑިއާގައި އަދި ނޫސްތަކުގައި އެ ދައްކަވާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބު ތެރޭގައި އަލިފުށީ ރައްޔިތުން އެދުނު އެންމެ ބޮޑު އެދުމަކީ އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހަދައިދިނުން ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ދަނޑު ނިމޭއިރު އޮންނާނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގައި ފުލްފްލެޖް ދަނޑެއް ގާއިމު ކުރެވިގެންދާ ފުރަތަމަ ރަށް ކަމުގައި އަލިފުށު ހިމެނިގެން ދާތީ ޔޫތް މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެއާޕޯޓް ޕްރޮޖެކްޓާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކިތަންމެ ޖެއްސުމެއް ކުރިޔަސް ފަހަތަށް ނުޖެހި އަލިފުށީ ރައްޔިތުން ހަވާލުކުރި ޒިންމާ އަމާނަތްތެރިކަމާއެކު ފުރިހަމަ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ އަލިފުށީ ރައްޔިތުންގެ ފަރާތުން އެދުނު އެންމެ ބޮޑު އެދުމަކީ ވައިގެ މަގުން އެރަށަށް އާދެވޭނެ ގޮތެއް ހަމަޖައްސައިދުނުް ކަމަށެވެ.

"މިހާތަނަށް އައިއިރު އެކަން ނުކުރެވި ދުވަސްތަކެއް ވުމަށްފަހު މިހާރު އަޅުގަނޑުމެންނަށް އެކަން ކުރުމަށްޓަކައި ބަޔަކާ ހަވާލުކުރެވި އެކަމުގެ އަމަލީ މަސައްކަތާ ބެހޭގޮތުން ދާދިފަހުން ވަނީ ކޮންޓަރެކްޓަރ މިރަށަށް ވަޑައިގެން އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އޮތީ ދެއްވާފަ. އެ ތާވަލް ބުނާގޮތުން 2023 ވަނަ އަހަރު ތެރޭގަ މިރަށް އަންނާނީ މި ދަތި އުނދަގުލުގަ ހުރި ދަތުރުތައް ލުއި ފަސޭހަ ގޮތަކަށް އޮންނާނީ،" ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކޮށްދެއްވި ބޮޑު މަސައްކަތަށް ވަރަށް ޚާއްސަ ޝުކުރެއް އަލިފުށީ ރައްޔިތުންގެ ނަމުގައި ދަންނަވާ ކަމަށެވެ.

އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިމަހު އެއްވަނަ ދުވަހު އެމްޓީސީސީއާ ހަވާލު ކުރުމާއެކު އެ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.