08 Sep 2021, 22:19
ވަޒީފާގެ ފުރުސަތަށް އެދިފައިވާ ގާބިލު ދިވެހީންނަށް ވަޒީފާ ނުދީ ބޭރު މީހަކަށް ވަޒީފާދޭން، ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މަސައްކަތަކަށް ވެސް އެކަށީގެންވާ ދިވެހިން ތިބިނަމަ އެކަމަށް ފުރުސަތު ދެއްވާނެކަމަށެވެ.
" ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް ވަޒީފާ ބޭނުންވެފައި، ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެނަމަ އެމީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުސަތެއް [މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު] އެމްއީޑީއަކުން ނުދޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޖޮބް ސެންޓަރުގެ މަސައްކަތަކީ ސަރުކާރުން ހިންގާ ވަރަަށް މުހިންމު މަސައްކަތެއްކަމަށެވެ.
އެގޮތުން މިއީ ރާއްޖޭގައި ވަޒީފާއަށް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާ ބޭނުންވާ ގިނަ މީހުން ތިބި ނަމަވެސް މަސައްކަތަށް ބޭނުންވާ ހުނަރު ނެތުމުގެ ސަބަބުން ގިނަ ވަޒީފާތަކެއް ހުސްކޮށް ހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިރޭ އަލިފުށީގައި ހުޅުވި ޖޮބް ސެންޓަރަކީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަަންވެގެންދާނެ ކަމެއްްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މިރޭ އަލިފުށީގައި ހުޅުވިގެން މިދަނީ ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތައް. އަޅުގަނޑުމެންގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކޮންމެ ރަށެއްގެ ކައުންސިލާ ގުޅުގެން ކޮންމެ ރަށެއްގައި އޭގެ ޑެސްކެއް ބެހެއްޓުން،" ރައީސް ވިދާޅުވިއެވެ
ރައީސް އިތުރަށް ވިދާޅުވީ ވަޒީފާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ޓިވެޓް ސެންޓަރުތައް ވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަނެއް ފަަޅީގައި މިއޮތީ ވަޒީފާއަށް މީހުން ތަމްރީނުކުރުން. އެގޮތުން މި ފަށާ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ވެސް ގާއިމްކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަލިފުށީގައި ވެސް ޓިވެޓް ސެންޓަރެއް ގާއިމްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ޖޮބް ސެންޓަރުގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
މިރޭ އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް އޮތް ރަސްމިއްޔާތަކީ ރައީސްގެ ދެކަނބަލުން ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ދިޔަ ހާއްސަ މަސައްކަތެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.