އެކްޓަރު ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ "އަންތިމް"ގެ ފުރަތަމަ ޕޯސްޓަރު އާންމުންނާ ހަމައަށް ގެނެސްދީފިއެވެ.

"އަންތިމް: ދަ ފައިނަލް ޓްތުރު" އަކީ ސަލްމާން އާ އޭނާގެ ޅިޔަނު އާޔޫޝްމަން ޝަރުމާ ވެސް އެކުގައި ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި ސަލްމާން ކުޅޭނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. އަޔޫޝްމަން ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް މަޖްރޭކަރުއެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު މި ފިލްމު މިއަހަރު ތެރޭ ރިލީޒްކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. ކުރިން މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމި ނަމަވެސް އޭރު މުމްބާއީގެ ސިނަމާތައް ހުޅުވަން ފުރުސަތު ނެތުމާއެކު މި ފިލްމު އޭރު އެޅުވޭގޮތް ނުވީއެވެ.

މި ފިލްމުވެގެންދާނީ އަޔޫޝްމަން ކުޅޭ ދެވަނަ ފިލްމަށެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ސަލްމާން ޕްރޮޑިއުސްކޮށް ނެރުނު "ލަވްރާތްރީ" އިންނެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.