ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓުން މިދިޔަ އަހަރު ތައާރަފްކުރި ޕްރިޕެއިޑް ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ދެ ފަރާތަކާ އެކު ޑީލާސް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

މީޑިއާނެޓުން މިދިޔަ ހަފްތާގައި ސޮއިކޮށްފައި ވަނީ ރީފްސައިޑާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ]އެމްޕީއެލް[ އާ އެކުގަ އެވެ.

މީޑިއާނެޓުން ބުނީ އެ އެއްބަސްވުމުގެ ދަށުން މީޑިއާނެޓުގެ މަހު އިޝްތިރާކު ދެއްކުމުގެ ހިދުމަތް ރީފްސައިޑުގެ ބައެއް ފިހާރަތަކުންނާއި އެމްޕީއެލްގެ މާލެ އާއި ހުޅުމާލެ އަދި ހުޅުލޭގެ ބުރާންޗުތަކުން ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ މީޑިއާނެޓްގެ އޮފީސް ބަންދު ވަގުތު ތަކުގައި ވެސް އެތަން ތަނުން މީޑިއާނެޓް ޕްރިޕެއިޑް އެކައުންޓް ރިޗާޖް ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ވަނީ ކުރިން ވެސް ސުމާޓްފޯނުން މީޑިއާނެޓްގެ ޑިކޯޑަރު ގަތުމާއި މަހު އިޝްތިރާކު ދެއްކުމުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. އަދި މީޑިއާނެޓުގެ ހިދުމަތް ޑިޖިޓަލް އަށް ބަދަލުވުމާ ގުޅިގެން އެފަރާތުންދޭ ހުރިހާ ޗެނަލެއް މިހާރު ޑިޖިޓަލް ކޮށްފައިވާ އިރު އެފަރާތުން އަންނަނީ 17 އެޗްޑީ ޗެނަލެއް ވެސް ދޫކުރަމުންނެވެ.