ފުރަތަމަ ފަހަރަށް ޗައިނާގެ ބެއިޖިންގ ފޮރިންގ ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ބަސް ދަސްކޮށްދޭ ކޯހެއް ހިންގަން ފަށައިފިއެވެ.

މި ކުލާހަކީ ޗައިނާގެ ޔުނިވާސިޓީއެއްކަމަށްވާ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި ހިންގާ ކުލާސްތަކެކެވެ. މިއީ އެ ގައުމުގައި، އެ ގައުމުގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދިނުމުގެ ގޮތުން ހިންގާ އެންމެ ފުރަތަމަ ކުލާހެވެ.

މި ކުލާސްތައް ފަށާފައިވަނީ އިއްޔެ އެކަމަށްޓަކައި އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ސޮބާހު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގެ ނައިބު ރައީސް ޕްރޮފެސަރު ޝާއޯ ގަންގް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ފެށުން --

މި ކުލާސްތަކުގައި ކިޔަވައިދޭނީ ޗައިނާގެ ޓީޗަރެކެވެ.

އެގޮތުން މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ސްކޫލް އޮފް އޭޝިއަން ސްޓަޑީޒްގައި ދިވެހި ކިޔަވައިދޭ ޓީޗަރު ޝޫ ފަންގްފަންގް ވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާއޯ ގަންގް ވިދާޅުވީ މިއީ އެ ޔުނިވާސިޓީއަށް ފާހަގަކޮށްލެވޭ މުހިންމު ކޯހެއްކަމަށެވެ. ހަމައެއާއެކު މިއީ ރާއްޖޭގެ ސަގާފަތާ އާދަކާދަ ޗައިނާގެ ޒުވާނުންނަށް އިތުރަށް ދެނެގަތުމަށް ހުޅުވިގެންދާނެ ދޮރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ފެށުން --

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ވިދާޅުވީ މިއީ ރާއްޖެއަށް ވެސް ފާހަގަކޮށްލެވޭ މުހިންމު ކަމެއްކަމަށެވެ.

އެގޮތުން މިއީ ރާއްޖޭގެ ބަހަށް އިސްކަން ދީގެން ބޭރުގެ ޔުނިވާސިޓީއެއްްގައި ހިންގާ ފުރަތަމަ ކޯސްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއާއެކު ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ވަރުގަދަ ގުޅުން ހާމަވެގެން ގޮސްފައިވާކަމަށް ވެސް ސޮބާހު ވިދާޅުވިއެވެ.