08 Sep 2021, 19:20
އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން 30 ކުޅުންތެރިންގެ ސްކޮޑަށް އިހުގެ ކުޅިވަރުގެ ތަރިން ހިތްވަރު ދީފިއެވެ.
ގައުމީ ސްކޮޑުގައި ކުރިން ތިބި 34 ކުޅުންތެރިންގެ ތެރެއިން ފައިނަލް 30 ނަގައި ޓްރެއިނިންގަށް ގެންދާނެ ޓީމު މިއަދު އިއުލާން ކުރުމަށްފަހު ކުޅުންތެރިންނާއެކު އެފްއޭއެމުން މިއަދު ވަނީ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު އެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޢަނީއާއި އަދި ދެކުނު ކޮރެއާގެ ސޯލްގައި 1988 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައްޔާއި 1992 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލް ކުރި އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން)ގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއިލް (ސާޔާ) ވަނީ ބައިވެރިވެފަ އެވެ.
މި ތަރިން ވަނީ ގައުމީ ޓީމުގެ މިހާރު ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދައްކާ، ކުޅުންތެރިން މޯޓިވޭޓް ކޮށްފަ އެވެ. މި ތަރިންނަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ހާސިލްކުރި ކުޑަ ހުސެންގެ ވިދާޅުވީ، ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން "ޕެޕް ޓޯކް" އެއް ދިނުމަށް އެފްއޭއެމްއިން ފަހިކޮށްދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، 2008 ވަނަ އަހަރު ރާއްޖެ ފުރަތަމަ ފަހަރަށް ރަން ތަށްޓެއް ފުޓުބޯޅައިން ހޯދި އިރު ވެސް މުބާރާތުގެ ކުރިން އޭނާ އެފަދަ ސްޕީޗެއް ކުޅުންތެރިންނަށް ދީފައިވާނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މިދިޔަ މަހު 26 ވަނަ ދުވަހު ޕްރެކްޓިސް ފެށި ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރާނީ ހުކުރު ދުވަހު އެވެ. ގަތަރުގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދާއިރު، ޕްރެކްޓިސް މެޗުތަކެއް ކުޅެން ވަނީ ރާވައިފަ އެވެ. ޓީމު އެނބުރި މާލެ އަންނަން މިހާރު ނިންމާފައި އޮތީ މި މަހު 28 ވަނަ ދުވަހު އެވެ.
ގަތަރު ޓްރެއިނިން ކޭމްޕް ނިންމާފައި އައުމަށް ފަހު މުބާރާތަށް ސްކޮޑް ފައިނަލްކުރާނެ އެވެ.