08 Sep 2021, 19:00
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ރ. ވާދޫ ސްކޫލަށް ދެ ފޮތެއް ހަދިޔާކުރައްވައިފިއެވެ.
މިހާރު ރައީސްގެ ދެ ކަނބަލުން ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މެޑަމް ފަޒްނާ ރ. ވާދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައިވަނީ މިއަދު ހަވީރެވެެ.
މި ޒިޔާރަތުގައި ފަޒްނާ އެ ސްކޫލަށް ހަދިޔާކޮށްފައިވަނީ ގަނާކުރުމާ ބެހޭގޮތުންނާއި ޖިންސީ ގޯނާއަށް ހޭލުންތެރިކުރުވުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތެވެ.
ހަމައެއާއެކު އެ ރަށު ސްކޫލުން ހިންގާ ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ކެމްޕެއިންގެ ދަށުން ސްކޫލްގެ އިސްވެރިން ވަނީ މެޑަމް ފަޒްނާއަށް ހަތަރު ބިއްލޫރި ފުޅި ވެސް ހަދިޔާކޮށްފައެވެ.
ވާދޫ ސްކޫލަށް މެޑަމް ފަޒްނާ ކުރެއްވި ޒިޔާރަތުގައި އެ ރަށު ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވާ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. ހަމައެއާއެކު ކުދިންގެ ކެރިއާ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ.
އަދި އެކަމަނާ ވަނީ އެވަގުތު ސްކޫލްގައި ތިބި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުންގެ މި ރަސްމީ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.