25 Feb 2012, 13:25
އަފްޣާނިސްތާނުގެ ޖަލުގައި ތިބި ގައިދީން ގުރުއާން ހަތިމު ބޭނުންކޮށްގެން ގައިދީންގެ މެދުގައި މެސެޖު ބަދަލު ކުރާ ކަމަށް ބުނެ، ބަޣްރާމްގެ މިލިޓަރީ އެއާބޭސްއެއްގައި އެމެރިކާ ސިފައިންގެ ބަޔަކު، ގިނަ އަދަދެއްގެ ދީނީ ފޮތްތަކާ އެކު ހަތިމުތަކެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.~
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު އައްޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މުސްލިމުންނާ މެދު ހަސަދަވެރިވެ، ގޮންޖަހަމުންދާ ކަމަށާއި އެމީހުން މުސްލިމުންގެ އިހުސާސްތަކާ ކުޅެމުންދާ ކަމަށެވެ. އެގޮތުން އަފްޣާނިސްތާނުގައި ކީރިތި ގުރުއާން އަންދާލި ވާހަކައަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖެއިން ވެސް އެކަން އެންމެ މަތީ ދަރަޖައިން ކުށްވެރިކުރާ ކަމަށެވެ.
"މުސްލިމުންނާ މެދު ހަސަދަވެރިވާ ބަޔަކު އިސްލާމްދީނަށް ގޮންޖެހުންތައް ކުރިމަތި ކުރަމުންދާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހުމާއި މުސްހަފުތައް އެންދުމާއި މިކަހަލަ ކަންތައްކޮށް މުސްލިމުންގެ ޝުއޫރުތަކާއި އިހުސާސްތަކާއި ކުޅެމުން އެބަދޭ. މިގޮތުން އަފްޣާނިސްތާނުގައި މުސްހަފުތައް އަންދާލުމަކީ ދިވެހިރާއްޖެ އިން އެންމެ މަތީ ދަރަޖައިން ކުށްވެރިކުރާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ މިހާރު މިވަނީ އެތައް ހަރުފަތްތަކެއް ގިރާކުރަންޖެހިފައި ކަމަށާއި އެކަންތައް ހާސިލްކުރުމަށް ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދަމަހައްޓައި އިސްލާމީ އަގީދާ ނަގަހައްޓަން ޖެހޭ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ އަމުރުތަކުން އިބްރަތްތަކެއް ހޯދައި ރާއްޖެ ހަމަނުޖެހުމުން ރައްކާތެރިކޮށް އަމާން މަންޒިލަކަށް ގެންދިއުމުގެ ލިޔާގަތްތެރިކަން ރާއްޖޭގެ ކިބައިގައި ހުންނަން ލާޒިމްކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އަދި ވިދާޅުވީ އިސްލާމްދީން ނޫން ގޮތަކުން މިއުންމަތަށް އިއްޒަތެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދިވެހި އުއްމަތް ސާބިތުވެ އޮންނަން ޖެހޭ ކަމަށެވެ. އަދި އިސްލާމީ އަގީދާ އަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަގީދާ ހިމާޔަތްކޮށް ގައުމުގެ އަދުގެ ޖީލް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މިނިސްޓަރު ޝަހީމް ގޮވާލެއްވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ