15 Jul 2010, 11:56
14:30
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ކެބިނެޓުގެ އެއްވެސް ވަޒީރަކަށް ރުހުން ނުދެއްވާނެ ކަމަށް ޕީއޭގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.
ވާދަވެރި އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، ކެބިނެޓަށް މިހާރު އައްޔަންކުރައްވާފައިވާ އެއްވެސް ވަޒީރަކަށް ރުހުން ނުދިނުމަށް ޕީއޭގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާކަން އެ ޕާޓީއާއެކު އިއްތިހާދުވެފައިވާ ޑީއާރްޕީއަށް އަންގާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ކެބިނެޓަށް ރުހުން ނުދިނުމަށް ޕީއޭން ނިންމީ، މިހާރު ކެބިނެޓަށް އަލުން އައްޔަންކުރައްވާފައިވާ ބޭފުޅުން ކުރިން އިސްތިއުފާ ދެއްވާ ކަންތައް ކުރެއްވީ ޒިންމާދާރު ގޮތެއްގައި ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހު އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އަގުވައްޓާލުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ މާލޭގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވާ ވާދަވެރި ޕާޓީތަކުގެ މެމްބަރުން ވަނީ، ރޭގެ ހަމަނުޖެހުންތަކަކީ މަކަރުވެރި ރޭވުމެއްގެ ދަށުން ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.