08 Sep 2021, 17:09
ސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައި ހުރި ހުރިހާ އިސްލާމް އަދި ގުރުއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑްކުރުމުގެ މަސައްކަތްކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް އެކުލަވާލައިފައިވަނީ މިނިވަން ކޮމެޓީއެއްކަމަށެވެ. އަދި މިހާރު މި ކޮމެޓީގެ މަސައްކަތް ފެށިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ.
އެ ޓީމުތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މި މަސައްކަތް ނިމޭއިރު ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްސީލީ ރިޕޯޓެއް އެކުލަވާލުމަށްފަހު ހުށަހަޅާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކީރިތި ގުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެއާއެކު އެ މައްސަލައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ބައެއް ފޮތްތަކުގައި މައްސަލަ ހުރިކަން ފާހަގަވެ، އެކަން ދިމާވުމަށް މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރާ ކަމަށެވެ. އަދި މި ދެ މާއްދާ ނޫން އެހެން މާއްދާ ތަކުގައިވެސް ކުށް ހުރިކަމަށް މައުލޫމާތު ލިބޭތީ، އެ ފޮތްތައް ވެސް ބަލާނެ ކަމަށެވެ.
"އަޅުގަނޑު މިހާރު ވާނީ ކުޑަ ކޮމެޓީއެއް ނަގާފަ، ކީއްވެތޯ، ކޮންބައެއްތޯ އިހުމާލު ވަނީ، ކުށް ދިމާވާން މެދުވެރިވީ ކީއްވެތޯ ބެލުމަށް. އެ ކޮމިޓީގެ މަސައްކަތް އިއްޔެ ވަނީ ފެށިފަ،" އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ފޮތްތަކުގައި ހުރި މައްސަލަތަކަކީ ކުރީގެ ސަރުކާރުން ފެށިގެން ހުރި މައްސަލަތަކެއް ކަމަށެވެ.