08 Sep 2021, 19:52
އިންޑޮނޭޝިއާގެ ޖަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި, 41 ގައިދީން މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގީ އިންޑޮނޭޝިއާގެ ވެރިރަށް ޖާކާޓާ ކައިރީގައި އޮންނަ ބަންޓެން ޕްރޮވިންސްގެ ޓަންޖެރަންގް ޖަލުގައެވެ.
އެ ހާދިސާގައި 41 މީހަކު މަރުވުމުގެ އިތުރުން އަށް މީހަކަށް އަނިޔާވިއެވެ.
ޖާކާޓާގެ ފުލުހުންގެ ތަރުޖަމާނު ޔުސްރި ޔޫސުފް ވިދާޅުވީ އެ ޖަލުގައި ރޯވެ އަދަން ފެށީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ޓަންޖެރަންގް ޖަލުގެ ބްލޮކް ސީ ގައެވެ. އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ބްލޮކެއް ކަމަށް ޔުސްރީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލިފާން އެހެން ބްލޮކްތަކަށް ފެތުރެމަށް ޖާގަ ނުދީ، އަލިފާންގަނޑު މުޅިން އެއްކޮށް ނިއްވާލުމަށް ދެގަޑިއިރު ނެގި ކަމަށެވެ.
އެ ބްލޮކް ހަދާފައި ވަނީ 122 މީހުންނަށް ތިބެވޭ ގޮތަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ވަގުތުގައި އެ ބްލޮކްގައި އެއަށް ވުރެ ގިނަ ގައިދީން ތިބި ކަމަށް އިންޑަނެޝިއާގެ ލޯ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ޕްރިޒަން ޑިޕާޓްމެންޓްގެ ތަރުޖަމާނު ރީކާ އަޕްރިއާންތީ ވިދާޅުވިއެވެ.
ރީކާ ވިދާޅުވީ އަލިފާން ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޓަންޖެރަންގް ޖަލަކީ ޖުމްލަ 600 މީހުންގެ ޖާގައިގެ ޖަލަކަށްވީ ނަމަވެސް އެ ޖަލުގައި 2،000 ގައިދީން ތިބޭ ކަމަށް ސަރުކާރުގެ ތަފާސްހިސާބުން ދައްކައެވެ.