25 Feb 2012, 13:18
މަޖީދީމަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަން ވަދެ އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހުން އަތުލައިގެންފައި ވަނީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި އެ ފިހާރައިގެ ތެރެއަށް ވަދެ ވައްކަންކޮށްގެން ދާން އުޅެނިކޮށް ކަމަށާއި އެމީހުންނާ އެކު އެމީހުން އެފިހާރަ އިން ނެގި ކަމަށް ތުހުމަތުކުރެވޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެފިހާރަ އިން އެމީހުން ގެންދަން އުޅުނީ ކޮން އެއްޗެއް ކަމެއް އަދި ފައިސާ ނެގި ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެފިހާރައަކީ ބުލޫ މައުންޓް ނަމަކަށް ކިޔާ ފިހާރައެކެވެ. އަދި އެމީހުން އެފިހާރައިގެ ތެރެއަށް ވަދެފައި ވަނީ ފިހާރައިގެ މައި ދޮރު ހަލާކުކޮށްލައިގެނެވެ.