ވޯލްޑް އެކްސްޕޯ 2020 ގައި ހަރަކާތްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގުޅިގެން ދިވެހި ފަންނުވެރިންނަށް ހުޅުވާލި މި ފުރުސަތުގައި މިފަހަރު ހޮސްޓްކުރަނީ ޔުނައިޓަޑް އަރެބް އެމިރޭޓްސް ގެ ދުބާއީގައެވެ.

ވޯލްޑް އެކްސްޕޯ ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ.

ހަ މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ މި އަހަރު އޮންނާނީ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން 2022 މާރޗްގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބުނެފައި ވަނީ، މި ހަރަކާތުގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ޚަރަދުގެ އިތުރުން ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދީ، ޕާފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ ދޭގޮތަށް ހަމަޖެހިފައި ވާކަމަށެވެ.

ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތައް:-

* ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)
* ފިޔުޝަން މިޔުޒިކް (ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭ ގޮތަށް)
* އާޓިސްޓުން ( ކުރެހުންތެރިން)


ޕަރފޯމިންގ އާޓިސްޓުން އިވެލުއޭޓް ކުރުމުގައި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރާއި ހުށަހެޅުންތެރިކަމުގެ އިތުރުން ހުށަހެޅުމުގެ ފެންވަރު އަދި ޕޯޓުފޯލިއޯ އަށް ބަލާނެ އެވެ.

މީގެ އިތުރުން، ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި، ދިވެހި ސަގާފަތާއި ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރުގެ އިތުރުން ކުރެހުމުގެ ފެންވަރާއި ޕޯޓުފޯލިއޯއަށް ބަލާނެކަމަށް އެ ސެންޓަރުން ބުނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އަންނަ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެކްސްޕޯގައި ބައިވެރިވުމަށްރަޖިސްޓްރީކުރަން އެ ސެންޓަރުން އެދެއެވެ.

ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) ނުވަތަ ޕޯޓުފޯލިއޯ ހުށަހަޅަން ޖެހެއެވެ.