08 Sep 2021, 09:37
ހުޅުމާލޭ ގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ކުދިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފިޔަވަތިން ކުދިން ރޯއަޑު އިވުމުން، އާއްމުން ވަނީ ފާރުމަތިން އަރައި ފިޔަވަތީގެ އެތެރެ ބަލާފައެވެ. އަދި އެވަގުތު އެތަނަށް އެއްވެފައި ތިބި މީހުން ދިޔައީ ފިޔަވަތީގެ ދޮރު ހުޅުވަން ބުނަމުންނެވެ.
އޭރު އެތެރެއިން 'އަނިޔާ ކުރަނީ' ކަމަށް ކުއްޖަކު ބުނާ އަޑު އިވެއެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ފިޔަވަތީގެ ފާރުމައްޗަށް ބަޔަކު އަރާ އުޅޭކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެއްވެސް ބަޔަކު ނެތް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައި ވަނީ، ފިޔަވަތީގެ މުވައްޒަފުން، އެތާނގެ ކުދިންނަށް އަނިޔާކުރި މައްސަލައެއް ލިބިފައި ނުވާ ކަމަަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައި ވަނީ، އެ ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން އެކަމުގައި ހަރަކާތްތެރި ވާ ކަމަށެވެ.
އަދި ފިޔަވަތީގެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމުން، އެކަން ބަލަމުން ދާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.