08 Sep 2021, 09:21
އއ. ރަސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޒަމާނީ ފެންވަރަށް ތަރައްގީކުރާ އިންޖީނު ގޭގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ރަސްދޫގައި އިމާރާތް ކުރާ އާ ޒަމާނީ އިންޖީނު ގޭގެ އަމަލީ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފަށާފައިވާކަމަށެވެ.
އަދި އެ ރަށުގެ މަތިވަމުންދާ ކަރަންޓު ލޯޑަށް އެކަށޭނަ މިންވަރަަށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުންޏެވެ.

އއ. ރަސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޒަމާނީ ފެންވަރަށް ތަރައްގީކުރާ އިންޖީނު ގޭގެ ކުރެހުމެއް -- ފޮޓޯ/ ސްޓެލްކޯ
ސްޓެލްކޯއިން ބުނީ މިވަގުތު ރަސްދޫގައި ހިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކުކަމަށެވެ.
ނަމަވެސް މިހާރުގެ އިންޖީނު ގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ ފަސް މެގަވޯޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނު ގެއެއްކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އެ އިންޖީނުގެ އިމާރާތް ކުރަނީ ހިދުމަތަށް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައިކަމަށް ވެސް ބުންޏެވެ.
ރަސްދޫގައި އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނެކެވެ.
މީގެ އިތުރުން އާ އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށްކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން އިންޖީނު ގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންކަމަށް ބުންޏެވެ
އަދި އޮންލައިން މޮނިޓަރިން އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށްކަމަށް ވެސް ބުންޏެވެ.