25 Feb 2012, 11:09
ރައްޔިތުންގެ މަޖިލީހުގައި އެންމެ މައްސަލަ ބޮޑުވި ގޮނޑިއަކީ ތިމަރަފުށީ ދާއިރާގެ ގޮނޑި އެވެ. ދެވަނަ ފަހަރަށް އިންތިހާބަކަށް ގޮސް ތިމަރަފުށީ މުހަންމަދު މުސްތޮފާ އެ ގޮނޑި ކާމިޔާބުކުރެއްވީ އުނދަގުލުން ހަނި އަގުލަބިއްޔަތަކުންނެވެ. ބޮޑެތި އަރައިރުންތަކާ އެކު ގިނަ ބަޔެއްގެ ލޯ ތިމަރަފުށީ ގޮނޑިއަށް އަމާޒުވުމާ އެކު އެ ގޮނޑި މަޝްހޫރުވީ، ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ "ރަން ގޮނޑީ"ގެ ގޮތުގަ އެވެ.
އެ ގޮނޑި ރަންވިޔަސް މިއަދު އެއީ ހުސްގޮނޑި އެކެވެ. ސާބިތު ދަރަންޏެއް އޮތް ކަން އެ ގޮނޑި ފުރުއްވި މުސްތޮފާގެ މައްޗަށް ސާބިތުވުމުން އެ ގޮނޑި ގެއްލި، އިއްޒަތްތެރި މެންބަރަކު މިހާރަކު ނެތެވެ. އެ ގޮނޑިއަކީ މިދަނޑިވަޅުގައި ސިޔާސީ ހައިބަތު ބޮޑު ގޮނޑި އެކެވެ. ތިމަރަފުށީ ގޮނޑިއަށް އެންމެން ވެސް ތިބީ ގަދަހިފުމަކަށް ނިކުންނާށެވެ.
އެޕްރީލް 14 އަށް ތިމަރަފުށީގެ ބައިއިލެކްޝަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ވަގުތު ގިނަ އެއް ނޫނެވެ.
އެމްޑީޕީގެ ޓިކެޓްގައި ނިކުމެ އެ ގޮނޑި ފުރުއްވި، މުސްތަފާ ގޮނޑި ގެއްލުމާ އެކު ކުރެއްވި ވައުދަކީ އެ ގޮނޑިއަށް އެނބުރި އަންނާނެ ކަމުގެ ވައުދެވެ. އޭނާ އެކަމުގައި ޝައްކެއް ނުކުރައްވަ އެވެ.
"އަޅުގަނޑު ޝައްކެތް ނެތް އިރާދަ ކުރެއްވިއްޔާ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމާއިމެދު. އަޅުގަނޑު ގާތު ދާއިރާގެ މެންބަރުން މިހާރު ވެސް ގެންދަނީ އެ ގޮނޑި އަށް އަލުން ކުރިމަތި ލުމަށް އެދެމުން." މުސްތަފާ ވިދާޅުވި އެވެ.
އޭނާގެ ޕާޓީ އިދިކޮޅު އެމްޑީޕީގެ ރޫހަކީ ވެސް އެ އެވެ. މުސްތޮފާ އަލުން އެ ގޮނޑީގައި ބޭންދުމެވެ. އެމްޑިޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅު ވަނީ "ތިމަރަފުށީ ދާއިރާ މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެ ގޮނޑި މުސްތަފާ ނަގާނެ ކަމާ މެދު އެ ޕާޓިއަށް ޝައްކެއް ނެތް" ކަމަށެވެ.
ނަމަވެސް ޑރ. މުހަންމަދު ވަހީދުގެ، ގައުމީ އެއްބައިވަންތަ ކަމުގެ ޝަރުކާރުގައި ބައިވެރިވާ ޕާޓީތަކުން ބުނަނީ އެމްޑީޕީއަށް އެ ގޮނޑި ހައްގު ނޫން ކަމަށެވެ. އެކަމަށް އެންމެ ފުރަތަމަ ނިކުތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، ޕީޕީއެމް އެވެ. އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ، އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ބައިވެރިވުން ލިބިއްޖެ ނަމަ ތިމަރަފުށީގެ ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އެ ޕާޓީން މިހާރު ނިންމާފައި ވަނީ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާ ނަމަ ޕާޓީ ޕްރައިމަރީއަކަށް ގޮސް ކެންޑިޑޭޓެއް ނެރުމަށެވެ.
ރަންގޮނޑިއަށް ޑީއާރުޕީގެ ވިސްނުން ތަފާތެވެ. ޑީއާރުޕީގެ ވިސްނުމަކީ މިހާރު އޮތް އެއްބައިވަންތަކަމުގެ އިއްތިހާދުގެ ތެރެއިން ކެޑިޑޭޓެއް ނެރެ އެންމެން އެކީ އެކަށް މަސައްކަތްކޮށް އެ ގޮނޑި ސަރުކާރުގެ އިއްތިހާދަށް ނެގުމެވެ.
"ހުރިހާ ފަރާތްތަކަކަށް ގުޅިގެން ކެންޑިޑޭޓަކު ނެރެވޭ ގޮތް ނުވެއްޖެއްޔާ ޑީއާރްޕީން ވެސް ކެނޑިޑޭޓަކު ނެރުމަކީ އެކަށީގެންވާކަމެއް. އަދި ނުކުމެ ވަޑައިގެންނަވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ވެސް އެކަށީގެން ވާކަމެއް. އެކަން ނިންމާނީ ޑީއާރްޕީގެ ކައުންސިލުން." އެ ޕާޓީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވި އެވެ.
މި ފުރުސަތުގައި ތިމަރަފުށީ ގޮނޑި ކޮންމެ ބަޔަކަށް ވެސް މުހިންމެވެ. ވެރިކަން ބީވުމާ އެކު އެމްޑީޕީގެ ބާރު އޮތް ހަމަ އެކަނި ގުނަވަނަކީ މަޖިލީހެވެ. ކަމެއް ކުރެވެން އޮތީވެސް އެތަނުގެ ތެރެއިންނެވެ. އިދިކޮޅު އިއްތިހާދަށް އެންމެ ގޮނޑިއެއް ވެސް ލިބުން މުހިންމެވެ. އެއީ ޑރ. ވަހީދުގެ ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ޕްރެޝަރު ކުޑަކުރަން މަޖުބޫރުވުމެވެ.
ރަން ގޮނޑިއަށްޓަކާ ގަދަ ހިފުމަކަށް ދާނެ ކަން ކަށަވަރުވާ އިރު އެމްޑީޕީއަށް އެޑްވާންޓޭޖްތައް ގިނަ އެވެ. އިއްތިހާދީން ވަކިވެގެންފި ނަމަ ކާމިޔާބީގެ ފުރުސަތު ކުޑަ އެވެ. އެއްބައިވަންކަމުގައި ނިކުންނަ ނަމަ އެމްޑީޕީގެ މައްޗަށް ގަދަވެވިދާނެ އެވެ.