07 Sep 2021, 19:50
ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަތޮޅުރޭގައި ކުރަމުންދާ ކޭމްޕްގެ ތެރެއިން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ނ. ކުޑަފަރީ ޒުވާނުންނާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
ޅ. ނައިފަރުގައި ޔޫތު މިނިސްޓްރީން މިފަހުން ތަރައްގީ ކުރި ފީފާ ސްޓޭންޑާޑް ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 8-3 ގެ ނަތީޖާއަކުން ގައުމީ ޒުވާން ޓީމުން ކުރި ހޯދައިގެންނެވެ. މިއީ މި ކޭމްޕްގައި ގައުމީ ޒުވާން ޓީމު ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ މެޗުގައި ނައިފަރު އަތުން އެއްވަރުވި އިރު، އިއްޔެ ހޮޅުދޫއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވީ އެއްވަރެވެ.
ތޭވީސް އަހަރުން ދަށުގެ ޓީމުން އަށް ވަރަކަށް ދުވަހުގެ މުއްދަތަށް ޅ. އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ތިން އަތޮޅުން ފަސް ޓީމަކާ ކުޅޭނެ އެވެ. އެއީ ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ނ. އަތޮޅުން ކުޑަަފަރީ އާއި ހޮޅުދޫ އަދި ރ. އަތޮޅުން މީދޫ ޓީމާ ދެކޮޅަށެެވެ.
މިދިޔަ ދެ ދުވަހު ކުޅުނު މެޗުތަކާ ޚިލާފަށް މިއަދުގެ މެޗުގައި ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މިއަދުގެ މެޗުގައި ގައުމީ ޓީމުން ޖެހި ގޯލުތައް ޖަހާފައިވަނީ މުހައްމަދު ޖައިލަމް (އޮގީ) ދެ ގޯލު، އަބްދުﷲ ޔާމީން (ޔާން) ދެ ގޯލު، ނައްވާޝް، ޒަޔާން ނަސީރު (ޒައްޔު) އަދި ތަހުމީންގެ އިތުރުން ޒައިން އެވެ.
ޅ. އަތޮޅަށް ކުރާ މި ކޭމްޕްގައި މާދަމާ މެޗެއް ނުކުޅޭނެ އެވެ. މި ކޭމްޕްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ގައުމީ ޓީމު ބައްދަލު ކުރާނީ ދ. މީދޫ ޓީމާ ދެކޮޅަށެވެ.
އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ.