25 Feb 2012, 11:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށް ވިދާޅުވެ ބައެއް ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވަނީ އެ ބޭފުޅުންގެ ޝަޚުސިއްޔަތެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޮނުޒިޔާރަތްކޮޅު ސަރައްދުގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ ޖަލަށް ލައިފާނެތީ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ޖަލުގައި އޮވި ދާނެ ކިތަންމެ ދުވަހަކަށް ވެސް. އަޅުގަނޑު އޮވެދާނަން ކުޑަ ގޮޅީގައި އިތުރު ދިހަ އަހަރު، އެއްވެސް ބަހެއް ނެތި." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭނާ ޖަލަށް ލާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން، އެ ބޭފުޅުންގެ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް ގޮވައިލައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަ ވަނީ ރައްޔިތުނަށް ކަންކަން އޮޅުވާލެއްވުމަށް ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާތީ ކަމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ހުރިހާ ފަރާތްތަކުން ވެސް މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އަދި އަވަސް އިންތިހާބެއް ބާއްވާނެ ކަމުގެ ޔަގީންކަން އިންޑިއާ އަށް ވަހީދުގެ ސަރުކާރުން ލިއުމުން ވެސް ދީފައިވާ ކަމަށެވެ.
ހަ މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާނެ ކަމުގެ ބަސްފުޅު ނަޝީދު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ކަންކަމުގެ ތަހްގީގު ކުރެވުމަށް ފަހު ދިގު މުއްދަތަކަށް ޖަލަށް ލައްވާނެ ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ނެވެ.
ނަޝީދު އިސްތިއުފާ ދެއްވީ، ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސަރުކާރުން ހައްޔަރު ކުރުމުން، ނަޝީދު ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ވެއްދުމަށް ކުރި މުޒާހަރާ ތަކަށް ފަހު، ނަޝީދު މީޑިއާގެ ކުރިމަތީގައި އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް އަމިއްލަ އަށް އިސްތިއުފާ ދެއްވިތާ 24 ގަޑި އިރު ފަހުން އިސްތިއުފާ ދެއްވީ ބަޑި ބޮލުގައި ޖައްސައިގެން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.