07 Sep 2021, 19:58
ކޮވިޑް-19 އާއެކު ހދ. ނޮޅިވަރަމުގެ ހާލަތު ގޯސްވެ ރަށުގެ ރައްޔިތުންނާއި ކަައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެ ރަށުގައި ކޮވިޑު ފެތުރި ރަށް މޮނިޓަރިންއަށް ލާފައި އޮތް އިރު ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ނަމަވެސް ބޮޑު އާބާދީއެއް އޮތް އެ ރަށުގެ ސިއްހީ މަރުކަޒުގެ ހާލަތު ދަށްވެފައިވާކަމުގެ ކަންބޮޑުވުން އެ ރަށުގެ ކައުންސިލުން އަންނަނީ ފާޅުކުރަމުންނެވެ.
ނޮޅިވަރަން ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ "ސަން"އަށް ވިދާޅުވީ އެ ރަށުގެ ސއްިހީ މަރުކަޒުގެ ހާލަތު އިންސާނީ ވަސީލަތްތަކާއި އެހެނިހެން ތަކެތީގެ ގޮތުން ވެސް ދަށްވެފައިވާކަމަށެވެ.
އަދި އެ ރަށުގެ ސިއްހީ މަރުކަޒު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދަށަށް ބަދަލުކުރުމަށްފަހު މަރުކަޒަށް ކަނޑައެޅޭ ފައިސާގެ ބަޖެޓު ވެސް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއެކު ނޮޅިވަރަމުގެ ހާލަތު ގޯހުން ގޯހަށް --
"އެގޮތުން ވަގުތާ ހާލަތަށްބަލާ ކުއްލިއަކަށް ކުރަންޖެހޭ ހަރަދު ކުރުމަށް ޕެޓީ ކޭޝްގެ ގޮތުގައިވެސް ރުފިޔާ ނުލިބޭކަން ފާހަގަ ކުރެވޭ. ކުޑަޔަސް ބޮޑަސް އެއްވެސް ކަހަލަ ހަރަދެއްކުރަން ވެއްޖެނަމަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިޔެ ދަންނަވައިގެން ހުއްދަ ލިބުނު ދުވަހަކުން ނޫނީ ގަލަމެއްގެ މިންވަރުވެސް ގަނެވޭނެފަދަ އެއްވެސް އިހުތިޔާރެއް މަރުކަޒަށް ލިބިދީފައި ނުވާކަން ނުހަނު ހިތާމަޔާއެކު ފާހަގަކުރަން،" މުސްތަފާ ވިދާޅުވިއެވެ.
އަދި ވަޒީފަތައް ހުސްކޮށް ހުރި ނަމަވެސް އެ ވަޒީފަތަކަށް މީހުން ނެގުމުގެ ހުއްދަ ލިބިފައިނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެ އެތައް ދުވަހެއްވެފައިވާކަމުގެ ކަންބޮޑުވުން ވެސް އެ ރަށު ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.
އަދި ބަލިމީހުން އުފުލުމަށް ޕިކަޕުތަކާއި ސައިކަލު ބޭނުނުންކުރަން މަޖުބޫރުވެފައިވާކަމަށްވެސް ކައުންސިލުން ބުންޏެވެ.
އެގޮތުން މިއަދުވެސް ކަރަންޓީން ކުރެވިފައިވާ ގެއަކުން ބަލި މީހަކު ޕިކަޕަށް ލައިގެން ސިއްހީ މަރުކަޒަށްވަނީ ގެންގޮސްފައިވާކަމަށް މުސްތަފާ ވިދާޅުވިއެވެ.
އަދި ހަމަ އެފަދައިން ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްތައް ނެގުމަށް މަރުކަޒުގެ މުވައްޒަފުން ދަތުރުކުރަންޖެހިފައިވަނީ އެމުވައްޒަފުންގެ އަމިއްލަ ސައިކަލްތަކުގަ އަމިއްލަ ޖީބުން ހަރަދުކޮށްގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އެ ރަށުން ޖުމްލަ 687 ސާމްޕަލް ނެގިފާވާއިރު 180 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާބަނޑު އެކަކާއި 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ ހަ މީހުންނާއި ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ހަ މީހުން ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.
ހަމައެއާއެކު ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ވެސް ނޮޅިވަރަން ކައުންސިލުން ވަނީ ބުނެފައެވެ.