07 Sep 2021, 17:53
ވެމްކޯއަށް ގޭބިސީތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ލިބިފައި ނުވާ ފައިސާގެ އަދަދު މިހާރު 49 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އާދަމް މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު 46،000އަށް އެރި ނަމަވެސް، މުޅި މާލެ ސަރަހައްދުން ވެމްކޯގެ ހިދުމަތަށް ރެޖިސްޓާ ކޮށްފައި ވަނީ 18،000 ގޭބިސީ ކަމަށެވެ.
އެހެންކަމުން ވެމްކޯގައި ރެޖިސްޓާ ކޮށްފައިވާ ގޭބިސީތަކުގެ އަދަދު ޖުމްލަ ގޭބިސީތަކުގެ 50 ޕަސެންޓަށްވެސް ނާރާކަން އާދަމް ފާހަގަ ކުރެއްވިއެވެ.
އޭގެ ތެރެއިން، ކޮވިޑް-19 ބަލިމަޑުކަން ފެތުރުމުގެ ކުރިން ވެމްކޯއަށް ފީ ދައްކަމުން ދިޔައީ 10،000 އާއި 12،000އާ ދެމެދުގެ އަދަދެއްގެ ގޭބިސީތަކުން ކަމަށް އާދަމް ވިދާޅުވިއެވެ.
ނަމަވެސް ކޮވިޑުގެ ތެރޭގައި އެ އަދަދު 4،000އަށް ދަށްވެފައިވާކަން އާދަމް ފާހަގަ ކުރެއްވިއެވެ.
އޭގެ ސަބަބުން، 2017އިން ފެށިގެން ވެމްކޯއަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އާދަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން މިހިސާބަށް އެބަ އޮތް ގޭބިސީތަކުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ ކަމަށް 49 މިލިއަން ރުފިޔާ،" އާދަމް ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ވެމްކޯއިން ކުނި ނަގަމުން ގޮސްފައި ވަނީ ގެތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ. އަދި ހިދުމަތް ދެމުން ދިޔައީ ރެޖިސްޓާކޮށްފައިވާ ގޭބިސިތަކާއި ރެޖިސްޓާ ނުކުރާ ގެތަކާ ތަފާތު ނުކޮށެވެ.
"ދެހާސް ވިހި ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އަޅުގަނޑުމެން ކުނި ނަގައިދެމުން އައީ ފީ ދެއްކިޔަސް ނުދެއްކިޔަސް، ރެޖިސްޓްރީ ކުރިޔަސް ނުކުރިޔަސް. އެއީ ހެލްތު ޕެންޑެމިކްއެއްގަ. އެއީ ސަރުކާރުގެ ފަރާތުން އެކަންކަން ކޮށްދޭން ބޭނުން ވާތީ، އަޅުގަނޑުމެން ދިވެހި ދައުލަތުގެ 100 ޕަސެންޓު ކުންފުންޏެއްގެ ޒިންމާ ނަގައިގެން މި ކުރިއަށް ގެންދިޔައީ،" އާދަމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ 2016 ވަނަ އަހަރު ރަސްމީކޮށް ހިދުމަތް ދޭން ފެށި ވެމްކޯއަށް ފުރަތަމަ ތިން އަހަރު ލިބުނު ގެއްލުމުގެ މިންވަރު، އަހަރަކު 50 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އާދަމް ވަނީ ވެމްކޯގެ ފީ ދެއްކުމަކީ ފަރުދީ ޒިންމާއެއްކަން ފާހަގަ ކުރައްވާ، މަސައްކަތް ކުރުވުމަށް ފަހު އުޖޫރަ ދޭން ހަނދާންކޮށް ދެއްވާފައެވެ.
"މިއީ ވަރަށް ބޮޑު ފަރުދީ ޒިންމާއެއް. ވަރަށް ކުޑަ ކުޑަ މިންވަރެއް އެއީ މަހަކު 150 ރުފިޔާ. މީ ދެ ރަށްޓެހިން ގޮސް ކޮފީތަށްޓެއް ބޯލީމަވެސް ގާތްގަނޑާކަށް މިއަދު އަރާނެ ވަރު. އެއް މަސް ދުވަހު މަސައްކަތް ކުރުވާފަ ދޭން އޮންނަ އެއްޗެއް މިއީ. އެހެންވީމަ ރައްޔިތުން މިކަމަކަށް އަހައްމިއްޔަތުކަން ދިނުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އާދަމް ވިދާޅުވިއެވެ.
ވެމްކޯއިން ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެތަކުގެ ވަކި ފަންގިފިލާތަކުން ކުނި ނަގަން ފަށާނެ ކަމަށް ބުނެފައެވެ.