ބާރަ އަހަރާއި 18 އަހަރާ ދެެމެދުގެ ކުދިންނަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން "ސަން" އަށް ބުނީ ކުޑަކުދިންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށީ އިއްޔެކަމަށެެވެ.

ވެކްސިން ދިނުމުގައި އަމަލު ކުރަމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހުމުގައި ވެސް ދަރިވަރުން އަމަލުކުރަމުން އައި ގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހެވެ. އެގޮތުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންއެވެ.

ހަމައެއާއެކު އެ އުމުރުފުރާގެ ކުދިންނަށް އެޕޮއިންޓުމަންޓް އުސޫލުން ކޮވިޑް ވެކްސިން ދިނުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ މަހު ވަނީ ނިންމާފައެވެ.

ރާއްޖޭގައި މި އުމުރުފުރާގެ ކުދިންގެ ތެރެއިން 40،000 އަށްވުރެ ގިނަ ކުދިންނަށް ވެކްސިން ޖަހައިދޭނެއެވެ.