ބްރަސަލްސް (ފެބްރުއަރީ 26): ޔޫރަޕްގެ ޤައުމުތަކުގައި ފަގީރުން އިތުރުވެ ފަގީރުކަމުގެ ނިސްބަތް މައްޗަށްދާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެވެ.

ޔޫރަޕިޔަން ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި ތަފާސްހިސާބުތަކެއްގައިވާ ގޮތުން ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުގައި 2010 ވަނަ އަހަރު 115 މިލިޔަން މީހުން ފަގީރުންގެ ލިސްޓަށް އަރާފައިވެ އެވެ. އެއީ ޔޫރަޕްގެ އިއްތިޙާދުގެ އާބާދީގެ 23.5 ޕަސެންޓެވެ.

ޔޫރަޕްގެ ޤައުމުތަކަށް ބަލާއިރު ފަގީރުންގެ ނިސްބަތް ވޭތުވެދިޔަ ހައެއްކަ އަހަރު ތެރޭގައި އެންމެ ބޮޑަށް އިތުރުވެގެން ގޮސްފައި ވަނީ ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ސުޕޭންގަ އެވެ. ސްޕޭނަށްބަލާ އިރު ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ފަގީރުންގެ ނިސްބަތް އިތުރުވެފައި ވަނީ 2.1 ޕަސެންޓަށެވެ. އިނގިރޭސިވިލާތުގައި 1.1 ޕަސެންޓަށެވެ. އަދި ފަރަންސޭސިވިލާތުގައި 09. ޕަސެންޓަށެވެ.

ދެހާސް ނުވަ ވަނަ އަހަރު ފަގީރުންގެ ގޮތުގައި ސުޕޭންގައި ތިބީ އެ ޤައުމުގެ އާބާދީގެ 25.5 ޕަސެންޓް މީހުންނެވެ. އިނގިރޭސިވިލާތުގައި ފަގީރުންގެ ގޮތުގައި ތިބީ އެޤައުމުގެ އާބާދީގެ 23.1 ޕަސެންޓް މީހުންނެވެ. ފަރަންސޭސިވިލާތުގައި ފަގީރުންގެ ގޮތުގައި ތިބީ އެޤައުމުގެ އާބާދީގެ 19.3 ޕަސެންޓް މީހުންނެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށްބަލާ އިރު ފަގީރުކަން ނުވަތަ ފަގީރުކަމުގެ ނިސްބަތް އެންމެ ބޮޑީ ބަލްގޭރިޔާ ގަ އެވެ. އެއީ އާބާދީގެ 42 ޕަސެންޓެވެ. ދެވަނައަށް ރުމޭނިޔާ ގަ އެވެ. އެއީ އެ ޤައުމުގެ އާބާދީގެ 41 ޕަސެންޓެވެ. ތިންވަނަ އަށް ލިޓުއޭނިޔާ ގަ އެވެ. އެއީ އާބާދީގެ 38 ޕަސެންޓެވެ.

ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ފަގީރުކަން އެންމެ ކުޑައީ ޗެކްރިޕަބްލިކް ގަ އެވެ. އެއީ އެޤައުމުގެ އާބާދީގެ 14 ޕަސެންޓެވެ. ދެވަނަ އަށް ސްވިޑްން އާއި ހޮލެންޑް އެވެ. އެއީ އެޤައުމުތަކުގެ އާބާދީގެ 15 ޕަސެންޓެވެ. ތިންވަނަ އަށް އޮސްޓްރިޔާއާއި ފިންލެންޑް އަދި ލަކްސަންބާރގް އެވެ. އެއީ އެޤައުމުތަކުގެ އާބާދީގެ 17 ޕަސެންޓެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިޤްތިސާދު ކަމަށްވާ ޖަރުމަނުގައި ފަގީރުންގެ ނިސްބަތަކީ އެޤައުމުގެ އަބާދީގެ 19.7 ޕަސެންޓެވެ. (ނޫސްއެޖެންސީތައް)