އެސްޓިއޯގެ ޑިޖިޓަލް ބޭންކު ހުޅުވަން ލައިސެންސް ހޯދުމަށް މޯލްޑިވިސް މޮނެޓަރި އޮތޯރެޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފިއެވެ.

އެސްޓިއޯގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ ހުސެން އަމްރު ވިދާޅުވިގޮތުގައި މި ލައިސެންސްއަށް އެސްޓިއޯގެ ފަރާތުން އެމްއެމްއޭ އަށް ހުށަހަޅާފައިވަނީ މިއަދުއެވެ.

އަމްރު މިހެން ވިދާޅުވީ މިއަދު ހެނދުނު އެމްއެމްއޭ ކުރިމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބޭންކަކީ މުޅިން އެކީގައި ޑިޖިޓަލްކޮށް ރާއްޖޭގައި ހިންގޭނެ ފުރަތަމަ ބޭންކެވެ. އަމްރު ވިދާޅުވީ މި ބޭންކު ހުޅުވާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ކަމަށެވެ.

ބޭންކިން ލައިސެންސް ލިބެން ތިންމަސް ދުވަސް ނަގާނެކަމަށް އެމްއެމްއޭއިން އަންގާފައިވާކަމަށާއި ލައިސެންސް ލިބުމުން އިކޮނޮމިކް މިނިސްޓްރީގައި ކުންފުނި ރަޖިސްޓްރީ ކުރަން ހުށަހަޅައި މަސައްކަތްތައް ފެށޭނެކަމުގައި އަމްރު ވިދާޅުވިއެވެ.

ބޭންކުގެ މަސައްކަތްތައް ނިމި އަންނަ އަހަރުގެ ތެރޭގައި މި ބޭންކުން ރައްޔިތުންނަށް ހިދުމަތް ދެވެން ފަށާނެކަމުގައި އެސްޓީއޯއިން ލަފާކުރެވެއެވެ.

މީގެ އިތުރުން އަމްރު ވަނީ މި ބޭންކުގެ ސަބަބުން ލިބިގެންދާނެ ލުއި ފަސޭހަ ތަކުގެ ވާހަކަ ވެސް ވިދާޅުވެފައެވެ.

އެގޮތުން މި ބޭންކުން ފަސް މިނެޓުތެރޭގައި އަމިއްލަޔަށް އެކައުންޓު ހެދޭނެ ކަމަށާއި 60 ސިކުންތުގެ ތެރޭގައި ލޯނަށް ހުށަހެޅޭން ކަމުގައި އަމްރު ވިދާޅުވިއެވެ.

ހަމައެއާއެކު މި ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ބޭންކަށް ނުގޮސް ހުރިހާ ހިދުމަތެއްވެސް ލިބޭނެ ކަމުގައި އަމްރު ވިދާޅުވިއެވެ.

އަމްރުވަނީ ބޭންކު ހިންގަން ބޭނުންވާ ތަޖުރިބާކާރުން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ފަރާތްތަކަކީ ޓޮޕް ބޭންކުތަކުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެއް ކަމަށް ވިދާޅުވެފައެވެ.

ޑިޖިޓަލް ބޭންކަކީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫއުގެ މައިގަނޑު އެއް މައިބަދަ ކަމަށާއި މި ބޭންކިން ސިސްޓަމުގެ ސަބަބުން ވިޔަފާރިތަކަކަށް ވަރަށް ގިނަ ފައިދާ ތަކެއް ލިބިގެން ދާނެ ކަމުގައި އަމްރު ވިދާޅުވިއެވެ.