07 Sep 2021, 13:58
ދުނިޔޭގެ ކަލިނަރީ ދާއިރާގައި ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ވޯލްޑް ކަލިނަރީ އެވޯޑްސްގެ އެވޯޑަކަށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ނޮމިނޭޓްވެ, އެ ޔުނިވާސިޓީއަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ފެކަލްޓީ ނޮމިނޭޓްވީ މިއަހަރު ނޮވެމްބަރު މަހު ދުބާއީގައި ބާއްވާ ދުނިޔޭގެ ކަލިނަރީ އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން ދޭ މަރުކަޒުގެ ކެޓަގަރީންނެވެ.
އެ ކެޓަގަރީއަށް ދެން ވާދަ ކުރަނީ އިތުރު ދެ ގައުމަކުން ތިން މަރުކަޒެވެ. އެއީ މޮރިޝަސްގެ ކަލިނަރީ މާސްޓާ އަދި އޮލިވިއޭ ކަލިނަރީ ސްކޫލުގެ އިތުރުން ޝީޝެލްސްގެ ޓޫރިޒަމް އެކަޑަމީއެވެ.
އެމްއެންޔޫގެ ހޮސްޕިޓާލިޓީ ފެކަލްޓީގެ ޑީން ޒީނަތު ސޯލިހް ވިދާޅުވީ މިއީ ކަލިނަރީ ދާއިރާއިން ރާއްޖޭގެ ޔުނިވާސިޓީއެއް ބައިނަލްއަގުވާމީ އެވޯޑަކަށް ނޮމިނޭޓުވި ފުރަތަމަ ފަހަރު ކަމަށެވެ.
"މިއީ ރާއްޖޭގެ އިންސްޓިޓިއުޝަނެއް ކަލިނަރީ ޓްރެއިނިންގެ ދާއިރާއިން ނޮމިނޭޓުވި ފުރަތަމަ ފަހަރު. މި އެވޯޑު ހޯދުމަށް ކޮންމެ ވޯޓެއްވެސް ވަރަށް މުހިއްމު،" ޒީނަތު ވިދާޅުވިއެވެ.
އެ އެވޯޑަށް ވޯޓު ދިނުމަށް ހަމަޖެހިފައި ވަނީ, "ވޯލްޑް ކަލިނަރީ އެވޯޑުސް"ގެ ވެބްސައިޓުގެ މިލިންކުންލޮގިން ވެގެންނެވެ. އަދި ވޯޓު ދިނުމުގެ ސުންގަޑި އަކީ މިމަހުގެ 17 އެވެ.
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އަސްލު ގުޅެނީ 1987 ވަނަ އަހަރު ޔޫއެންޑީޕީއާއި ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީގެ އެހީގައި ރާއްޖޭގައި އުފެއްދި ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިން ސާވިސެސްއާއެވެ. އަދި 1997 ގައި އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިން ސާވިސެސްގެ ނަމަށް ބަދަލުކޮށް, ފަތުރުވެރިކަމާއި ކަލިނަރީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރުގެ އެކްރެޑިޓެޑް ކޯސްތައް އެތަނުގައި ތައާރަފުކުރިއެވެ.
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ނަމަށް ބަދަލުކޮށް, އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ދަށުން އެތަން ހިންގަންފެށީ 1999 ވަނަ އަހަރުއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ވެސް ދޭ ކުންފުނިން ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ވޯލްޑް ކަލިނަރީ އެވޯޑްސް ތައާރަފުކުރީ މިދިޔަ އަހަރުއެވެ.
އެމްއެންޔޫގެ ފެކަލްޓީ ނޮމިނޭޓްވި ދާއިރާއިން މިދިޔަ އަހަރު އެވޯޑު ހާސިލް ކުރީ, މިއަހަރުވެސް ނޮމިނޭޓްވި މޮރިޝަސްގެ އޮލިވިއޭ ކަލިނަރީ ސްކޫލްއެވެ.
އެހެން ނަމަވެސް އެ އަހަރުގެ އިންޑިއަން އޯޝަން ސަރަހައްދުގެ "ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން އެވޯޑު" ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ސަރަހައްދުގެ ބެސްޓް ހޮޓެލް ރެސްޓޯރަންޓް އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ޓަޕަސާކޭ ރެސްޓޯރަންޓަށެވެ.