މޮސްކޯ (ފެބްރުއަރީ 26): އަންނަ މާޗް މަހު ރަޝިޔާގައި ބާއްވާ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން ކާމިޔާބު ކުރައްވާނެކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެވެ.

ރަޝިޔާގެ އާރު ޓީ ޓީވީ ނެޓްވާކުން ކުރި މިސާވޭގެ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުގެ 50 ޕަސެންޓަށް ވުރެ އިތުރަށް ޕޫޓިން ހޯއްދަވައި ފުރަތަމަ ބުރުން އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާނެ އެވެ. ރަޝިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އަދި ތާއީދު ބޮޑު ކެންޑިޑޭޓަކީ ޕޫޓިންކަން ޚިޔާލު ހޯދުމުގެ އެތަށް ސާވޭއަކުން ހާމަވެފައިވެ އެވެ.

ޕޫޓިން އަށް ކުރިން އޮތް ތާއީދު މިހާރު ނެތްނަމަވެސް ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި އޭނާއަށް ވުރެ ރައްޔިތުންގެ ތާއީދު ބޮޑު ކެންޑިޑޭޓަކު ނެތުމަކީ ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ޕޫޓިން އަށް ފަހިވެގެންދާ ކަމެއް ކަމަށް ރަޝިޔާގެ މީޑިޔާ ބުނެ އެވެ.

ޕޫޓިންވަނީ ރަޝިޔާގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޓަކައި އެމެރިކާއާ އެކު ހަތިޔާރުގެ ރޭހެއް ފެއްޓެވިކަމާއި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އެމެރިކާ އަށް ދޫނުދެއްވައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަމަށް އިންތިޚާބު ވެއްޖެ ނަމަ ހަމައެކަނި ބޮޑުބާރުގެ ގޮތުގައި އެމެރިކާ އޮންނަ އޮތުން ފަސް އަހަރު ތެރޭގައި ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ޝޫޢޫރުތަކާ ކުޅެލައްވާފަ އެވެ.

ރަޝިޔާއާއި ޗައިނާ ގުޅިގެން މަސައްކަތްކޮށްފި ނަމަ ދުނިޔޭގެ ހަމައެކަނި ހަމައެކަނި ބޮޑުބާރުގެ ގޮތުގައި އެމެރިކާ އަށް ނޯވެވޭނެ ކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރައްވާ ތަޖްރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. (އަލްޖަޒީރާ)