07 Sep 2021, 09:29
ރ. އަލިފުށީ ފަޅު ހިއްކައިގެން އަޅާ ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލިފުށި ފަޅު ހިއްކައިގެން އެޅުމަށް ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެއްޓޭނެ ތާރީހު ހޯދުމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ މިނިސްޓަރު އަސްލަމާ ލިޔުމުން ޖަވާބު ހޯއްދަވަން ސުވާލުކުރައްވާފައެވެ.
މި ސުވާލުގެ ޖަވާބު ލިޔުމުން އަރުވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އަލިފުށީ ފަޅުގައި ހިއްކާ 10 ހެކްޓަރުގެ ބިމާއި އެ އަތޮޅު އެއްތިގިލީގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓޫރިސްޓު ރިސޯޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވާލެވޭ ބީލަމުގައި އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.
އެއްތިގިއްޔަކީ އަލިފުއްޓާއި އެއް ފަޅެއްގައި އޮންނަ ފަޅު ރަށެކެވެ.
އަލިއްފުށި އަދި އެ ރަށާއި އެއް ފަޅެއްގައި އޮންނަ އެއްތިގިލި: ---
އެ ރަށުގައި ރިސޯޓު އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ 2018 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.
އަލިފުށީ ފަޅުގައި ރިސޯޓު އަޅަން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މިމަހުގެ އެއްވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.