24 Feb 2012, 21:21
ކުރީގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑް އަދި މިހާރުގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތިޖޫރީން ވީނުވީއެއް ނޭނގި ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ތިޖޫރި މާޗް، 2008 ގައި ގުނި އިރު 6203.75ރ. އާއި 20865.75 ޑޮލަރާއި 108.51ޔޫރޯ އާއި 500 ޕައުންޑް މަދުވާ ކަމަށާއި ހިސާބުތައް ބަލާ ޗެކް ކުރީއިރު އޭގެތެރޭގައި ހިމެނޭ ނަގުދު ފައިސާ އާއި ޗެކްތައް ވެސް މިނިސްޓްރީގައި ނެތް ކަމަށެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވަނީ އެ މައްސަލައަކީ ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އިހުމާލުވާ ފަރާތްތަކުން އެ ފައިސާ ނަގައި ސަރުކާރުގެ ކޮންސޮލިޑޭޓެޑް ފަންޑަށް ޖަމާކުރަން އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފަ އެވެ.
އެ މިނިސްޓްރީގެ ދަށުން ހިގަމުން އަންނަ ނޭޝަނަލް ސެންޓާ ފޯދި އާޓްސް އަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ބައެއް ފައިސާ ގެއްލިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 8248ރ. ވަނީ އާމްދަނީގެ ފައިސާގެ ތެރެއިން ގެއްލިފަ އެވެ. އޮޑިޓާ ޖެނެރަލް ނިޔާޒް ވަނީ އެ ފައިސާގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް އެކަމާ ގުޅޭ އިދާރާތަކަށް ފޮނުވުމަށް އަންގަވާފަ އެވެ.
އެ ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވަނީ ލަންޑަންގެ ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޯލް ތިން އަހަރު ދުވަހުގެ މުއްދަތައް ބެލެހެއްޓުމަށް 501،712 ޑޮލަރަށް "ގްލޯބަލް ޑިސްޕްލޭ ލިމިޑެޓް"އަށް ހަވާލުކުރި ގޮތާމެދު ސުވާލުއުފައްދައިފަ އެވެ. އޮޑީޓާ ޖެނެރަލް ވިދާޅުވީ އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރުމުގައި އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާގޮތް ލިޔެކިޔުމަކުން އެގެން ނެތް ކަމަށެވެ. އެހެންކަމަށް ވުމުން އެކަމާ ގުޅޭ ލިޔެކިޔުންތައް މާޗް މަސް ނިމުމުގެ ކުރިން އޮޑިޓް އޮފީހަށް ހުށަހެޅުމަށް ވަނީ އަންގަވާފަ އެވެ.
އަދި ޑިޕާޓްމެންޓް އޮފް އިންފޮމޭޝަންގެ މާލީ ހިސާބުތައް އޮޑިޓް ނުކުރެވިފައިވާކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްދފަ އެވެ. އެއީ އެ ޑިޕާޓްމަންޓުގެ މުވައްޒަފުން މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަންއަށް ބަދަލުކޮށްފައިވާތީ ހިސާބުތަކާ ބެހޭ މައުލޫމާތު ދޭނެ މީހަކު ނެތުމެވެ. އޮޑިޓާ ޖެނެރަލް ވަނީ އެ ހިސާބުތައް އޮޑިޓް ކުރެވޭނެ ގޮތް ހަދައި އެކަން މާޗް މަހުގެ ކުރިން އަންގަން އެދިފަ އެވެ.
އޮޑިޓާ ޖެނެރަލް ވަނީ އެ މިނިސްޓްރީގެ ފައިސާއާ ގުޅޭ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށާއި ހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަން ފާހަގަކޮށްފަ އެވެ. އަދި ފައިސާ ހަރަދު ކުރި ގޮތްވެސް މުޅިން ސާފުނުވާކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފައިސާގެ ހިސާބުތައް ވެސް ދިމާނުވާކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފަ އެވެ.