06 Sep 2021, 23:11
ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ގުޅިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ޕްރެސްގައި ދެއްކެވި ވާހަކަތަކަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަށް ހުރަސް އެޅިދާނެ ފަދަ ވާހަކަތަކެއް ކަމުގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ރައީސް ޔާމީނަށް ހުކުމްކުރެއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ފަނޑިޔާރުން ދެއްކެވި ވާހަކަތައް ކުއްވެރިކޮށް ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އެ ޕާޓީން ދެކޭ ގޮތުގައި މިއީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ގެއްލުވާލުމަށާއި، އަދުލް އިންސާފު ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތާމެދު ޝައްކު އުފެއްދުމަށާއި އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތް ތަކަށް ހުރަސް އެޅުމަށާއި އަދި ފަނޑިޔާރުންނަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައެވެ.
ޖޭޕީން ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް އާއްމުވަމުން އަންނައިރު، އެކަންކަން ހުއްޓުވޭނީ އެފަދަ ފަރާތްތަކަށް ހައްގުވާ އަދަބު ދީގެން ކަމަށެވެ.
"ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ޖިނާއީ ތަހުގީގެއް ހިންގައި އެފަރާތްތަކަށް ދެވިގެން ކަމުގައި މި ޕާޓީން ދެކެން،" ޖުމްހޫރީ ޕާޓީން ބުންޏެވެ.
ޖުމްހޫރީ ޕާޓީން ބުނީ ފަނިޑިޔާރުންނާއި ވަކީލުންނަކީ އިސްލާމްދީނަށާއި ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، ހައްގުބަސް ބުނަންޖެހޭ ބަޔަކަށް ވީހިނދު އެފަދަ ބޭފުޅުން ވަކި މައްސަލައެއް ހިނގައިދިޔަ ގޮތާމެދު ޝަރުއީ ނިޒާމުގެ އަގުވެއްޓޭ ފަދަ ވާހަކަ ދެއްކުން އެ ޕާޓީން ކުއްވެރިކުރާ ކަމަށެވެ.