06 Sep 2021, 21:42
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރިތާ 11 ދުވަސް ފަހުން އެކަން ދިވެހި ފުލުހުންނަށް އަންގައިފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މިއަދުވަނީ މައުލޫމާތު ލިބިފައި ކަމަށެވެ.
އަލީ ވަހީދު ހައްޔަރު ކުރި ދުވަހު ސީޕީ ހަމީދު "ސަން"އަށް ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެެވެ. އެހެންކަމުން އެކަން ޔަގީންކޮށް، ހައްޔަރު ކުރި ސަބަބު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އެދުވަހު އޭނާ ވިދާޅުވިއެވެ.
"އަލީ ވަހީދު ހައްޔަރު ކުރިތޯ އެބަ ބަލަން. މި ބަލަނީ ކޮން ބާވަތެއްގެ މައްސަލައެއްގަތޯ ހައްޔަރުކޮށްފަ ވަނީ،" ސީޕީ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު، ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހުން އެއް ގައުމުން އަނެއް ގައުމާ ހަވާލު ކުރުމުގެ އެއްބަސްވުމެއް ހަދައިފައިވާ ނުވާކަން ހަމީދު ފާހަގަ ކުރެއްވިއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.
އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ގެންދަން ފެށިއެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އޭނާ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވެ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.