08 Sep 2021, 09:01
މޫނުމަތިގައި ނަގާފައިހުންނަ ބިހިތައް ތުއްވަން ހެއްޔެވެ؟ އެއީ ކޮށްގެން ނުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން މޫނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވީމައެވެ. ހަމައެހެންމެ، ނޭފަތް ކައިރީގައި ހުންނަ ބިހިތަކަށް، އަތުގައި ހުންނަ ޖަރާސީމުތައް ފަސޭހައިން ވަންނާނެއެވެ. މޫނުގައި ނަގާފައި ހުންނަ ބިހިތަކަށް ބަދިގެ ތެރޭގައި ހުންނަ ބައެއް ސާމާނުން ހައްލު ހޯދިދާނެއެވެ.
އެގޮތުން ބޭކިން ސޯޑާއަކީ ހަންގަނޑު އޮމާން ކޮށްދޭ އެއްޗެކެވެ. މިއީ މޫނުމަތީގައި ހުންނަ ހިރަފުހާއި، ތެލާއި މަރުވެފައި ހުންނަ ސެލްތަކުން ސަލާމަތް ކޮށްދޭ އެއްޗެކެވެ. ބޭކިން ސޯޑާ އިން މޫނުމަތީގައި ހުންނަ ބިހިތައް ފިލުވުމަށް 2 ސަމްސާގެ ބޭކިންސޯޑާ އަދި ކުޑަ ފެންފޮދެއް ބޭނުން ކުރަން ޖެހޭނެއެވެ. އަދި ރަނގަޅަށް މިކްސް ކުރުމަށްފަހު، މޫނުމަތީގައި އުނގުޅާލަން ވާނެއެވެ. މިގޮތަށް މަދުވެގެން ހަފްތާއަކު 3 ފަހަރު އުނގުޅާނަމަ ބިހިތައް ފިލާނެއެވެ. އަދި މޫނުމަތި އޮމާން ކޮށްދޭނެއެވެ.
މީގެ އިތުރުން ބުރައުން ޝުގާ، މާމުއި އަދި ލުނބޯ ޖޫހަކީ މޫނުމަތީގައި ހުންނަ ބިހިތައް ނައްތާލުމަށް އެދެވޭ ހައްލެއް ހޯދުމަށް ބޭނުންކުރެވޭނެ ތަކެއްޗެވެ. އެގޮތުން މި ތިިން ބާވަތް ރަނގަޅަށް މިކްސް ކުރުމަށްފަހުގައި، މޫނުގައި ހާކަން ވާނެއެވެ. ހަކުރަކީ ބައެއް ފަހަރު މޫނު ހަލާކުކޮށްލާ އެއްޗަކަށް ވާތީ ސަމާލުވާން ޖެހޭނެއެވެ. އެހެންކަމުން މިގޮތަށް މޫނުގައި އުނގުޅާލުމަށްފަހު ރަނގަޅަށް މޫނުދޮވެ، މޮއިސްޗަރައިޒިން ކްރީމެއް ހާކަންވާނެއެވެ.

ހަމައެހެންމެ، ގްރީން ޓީ އަކީ އެބުއިމުން ހަންގަނޑަށް ފައިދާވާނެ އެއްޗެކެވެ. އަދި ގްރީން ޓީ ބޭގު ކެނޑުމަށްފަހު، ފެން ފޮދަކާއި މިކްސް ކުރުމަށްފަހު ތިން މިނެޓްވަންދެން މޫނުގައި ހޭކުމުން ބިހިތައް ފިލުވައިދިނުމަށް މަސައްކަތް ކޮށްދޭނެއެވެ. އެއަށްފަހު ހޫނު ފެންފޮދަކުން މޫނު ދޮވެލަން ވާނެއެވެ. މިއީ އަވަސް މުއްދަތެއްގައި މިކަމަށް ހައްލު ލިބޭނެ ގޮތެކެވެ.