06 Sep 2021, 20:21
ރާއްޖެފަދަ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ އިގްތިސާދުތަކަށް، ކަނޑުތަކާއި، ކަނޑުތަކުގައިވާ ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ މިހާރު ފްރާންސްގެ މާރސޭ ގައި ކުރިއަށްދާ އައިޔޫސީއެން ވާރލްޑް ކޮންޒަރވޭޝަން ކޮންގްރެސްގެ ހައި ލެވެލް ޑައިލޮގް ގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ ކަނޑުތައް ހިމާޔަތްކޮށް އެތަންތަން ބެލެހެއްޓުމަކީ އެންމެނަށްވެސް އޭގެ ފައިދާ ކުރާނެކަމެއްކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ސްޓޮކް މަދުވަމުންދިއުމާއި، ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވަމުން ދިއުމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހއްދުގެ 20 އިންސައްތަ ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، މިކަމަކީ ވަކި ވަކި ގައުމުތަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެއް ކަމާއި، ހުރިހާ ގައުމެއްގެ އެއްބާރުލުން މި ކަމުގައި ބޭނުންވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ރާއްޖެއަކީ މަސްވެރިކަމުގައި ތިމާވެއްޓާއި ރައްޓެހިގޮތްތައް ބޭނުންކުރާ ޤައުމެއް ނަމަވެސް، ރާއްޖޭގެ ބޯޑަރުން ބޭރުގައިކުރާ ބައެއްބާވަތްތަކުގެ މަސްވެރިކަމުގެ ސަބަބުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މަސްވެރިކަމަށް ބަރޯސާވާ ރާއްޖެ ކަހަލަ ޤައުމުތަކަށް ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓަރަ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އ.ދ ގެ "ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ގެދަށުން 2030 އަންނަންވާއިރަށް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.