24 Feb 2012, 18:35
ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދާ މީހުންނަށާއި ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑު ކޮށްލުމަށް މަސައްކަތް ކުރާ މީހުންނަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތާއީދު ކުރުމަށާއި ގާނޫނު ނެގެހެއްޓުމަށް 23 ޑިސެމްބަރުގެ އިއްތުހާދުން މިއަދު ފެށި ބޮޑު މަހާސިންތާގެ އެއްވުމުގައި ބައިވެރިވެ ވަޑައިގެން ޖޯޝްގައި ރައީސް ވިދާޅުވީ ހުރިހާ އެންމެން އެއްވެ ހުރިހާ ކަންކޮޅުތަކުން މާލެއަށް ޖަމާވީ ގައުމުދެ ލޯބިވާތީ ކަމަށާއި ގައުމުގައި ފަސާދަކޮށް ފިތުނަ އުފައްދާ މީހުންނަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
~
"ތިބޭފުޅުން އެކި ކަންކޮޅުތަކުން މާލެ ވަޑައިގަތީ މި ގައުމު ދެކެ ލޯބިވާތީ. ދިވެހި ރާއްޖޭގެ އާދަކާދަ އާއި ދީން ދެކެ ލޯބިވާތީ. ދިވެހި ރާއްޖޭގައި ފިތުނަފަސާދައަކަށް ތަނެއް ނުދެވޭނެ. މި ގައުމު ދެކެ ލޯބިވާ މީހަކު މި ގައުމުގައި ހުޅު ޖަހައެއް ނުހަދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ އިއްތިހާދު އޮތީ ސަބިތުކަންމަތީގައި ކަމަށާއި އެންމެ ފަހުގެ ލޭތިއްކަށް ދާންދާން ދިވެހި ރާއްޖޭގެ ސަލާމާތާއި އިސްލާމްދީނަށްޓަކައި ދެމި ތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ހަގީގީ ބާޣީންނަކީ ސަރުކާރަށާއި އެމަނިކުފާނަށާއި އިއްތިހާދުވެފައިވާ ފަރާތްތަކަކީ ބާޣީން ކަމަށް ބުނާ މީހުން ކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ ބައިވެރިން ގައުމަށްޓަކައި ޝަހީދުވާން ބިރު ނުގަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ބިރެއް ނުގަނޭ ޝަހީދުވާކަށް. މިއަދު ހަގީގީ ބާޣީންނަކީ އެއީ. ދިވެހިރައްޖޭގެ [ޓޫރިޒަމް] ސިނާއަތް ހަލާކުކޮށް އިގްތިސާދު ފުނޑާލާ މީހުންނަކަށް މި ގައުމަކު ތަނެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މަހާސިންތާއަށް އެއްވެފައިވާ އެތައް ހާސް މީހުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ އެންމެ ހިދުކޮޅަކަށް ވެސް ފަހަތަށް ޖެހިވަޑައި ނުގަތުމަށާއި ކެރުމާއެކު އަޒުމަށް ގުޑުން ނާރުވާ ގާއިމުވެ ތިބެންވާނެ ކަމަށެވެ.
"ހިތްވަރު ކުރައްވާ! އަޅުގަނޑުމެން އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން. މިއަދު [ރާއްޖޭގެ ވެރިކަމަށް އައި] މި ބަދަލު އައިސްފައި ވަނީ ﷲ މިންވަރު ކުރެއްވީތީ. ތިޔަބޭފުޅުންނަކީ ދިވެހި ގައުމު ދެކެ ލޯބިވާ މުޖާހިދުން. މިއަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހުރިހާ ކަމެއް ކޮށްދޭނެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ތައުލީމަކީ ކޮންމެ ސަރުކާރަކުން ވެސް ދޭނެ އެއްޗެއް. އެކަން އަޅުގަނޑުމެން ވެސް ކޮށްދޭނަން. ހިތްވަރުކޮށްލައްވާ! ތިޔަބޭފުޅުން މިތާނގައި ތިއްބަވާތީ މޭކަރާ މީހުންގެ މޭކަރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ބޮޑު މަހާސިންތާއާ މިއަދު ގުޅިވަޑައިގަތުމުން އެއްވެފައިވާ އެތައް ހާސް ބަޔަކު ވަނީ އެކީއެކަށް އަތުގުޅާލައި އެމަނިކުފާނަށް ތާއީދުކޮށް ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވަން ބޭނުން ނުވާ ކަމަށް އަޑުހަރުކޮށްފަ އެވެ. އަދި ރައީސް ވަހީދަށް ތާއީދު ކުރުމުގެ ގޮތުން "ރައީ ވަހީދު ޒިންދާބާދު" އޭ އެތައް އިރަކު ގޮވި އިރު އިންތިހާބެއް ބާއްވަން ބޭނުން ނުވާ ކަމަށް ކަމަށް ވެސް ގޮވާލި އެވެ.
ރައީސް ވަހީދު މަހާސިންތާއަށް ވަޑައިގެން ހުންނެވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު އަތްގުޅުވާލައްވައިގެނެވެ. އަދި ވާހަކަފުޅު ދައްކަވާފައި ވަނީ ވަރަށް ޖޯޝްގައި ކުރި ދުވަހަކުވެސް އެމަނިކުފާނު ވާހަކަފުޅު ނުދައްކަވާހާ ބާރަށެވެ.