15 Jul 2010, 11:51
14:30
ޝަރީއަތްތައް ކުރުމަށް އެކަށީގެންވާ އަމާން މާހައުލެއް ޤާއިމްވެފައި ނެތް ކަމަށް ފަނޑިޔާރުން ވިދާޅުވެ، ދަށު ކޯޓުތަކުގެ ގާޒީން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރައްވައިފި އެވެ.
ކޯޓެއްގެ ފަނޑިޔާރަކު ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު ވިދާޅުވީ އެ ބައްދަލުވުމަކީ ކޯޓުތަކުގެ ގާޒީންނަށް ހާއްސަކޮށް ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށް އެކިއެކި ފަރާތްތަކުން ދެމުން ގެންދާ އިންޒާރުތަކާ ގުޅިގެން އެ ކޯޓުގެ ގާޒީން އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމެއްގައި މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދަށު ކޯޓުގެ ތަކުގެ ހުރިހާ ގާޒީންނަށްވެސް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓުގެ އިސް ގާޒީ އިތުރަށް ވިދާޅުވީ އެބައްދަލުވުމަކީ ރާއްޖޭގެ މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޯޓުތަކުގެ ފަނޑިޔާރުންނަށާއި ގާޒީންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ގުޅިގެން އެކަންކަމާ މެދު ހައްލެއް ހޯދުމަށާއި އަދި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީވެ އެކަމުގެ ހަޤީޤަތް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ހާމަކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމާބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
މިބައްދަލުވުމާ ގުޅިގެން މިއަދު ޖިނާއީ ކޯޓުގެ މަސަކްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ޖިނާއީ ކޯޓުގެ ގާޒީން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެކޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު ބޭއްވެވި އެ ބައްދަލުވުމުގައި ނިންމެވި ކަންތައްތަކާ ބެހޭ މާބޮޑު ތަފްސީލެއް އަދި ދެއްވަނެ ނެތް ކަމަށް ވިދާޅުވެ ކޯޓުގެ އިސް ގާޒީ ވިދާޅުވީ ޝަރީއަތްތައް ހިންގޭނީ ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން އާއްމު ރައްޔިތުންނަށްވެސް ޝަރީއަތް ކުރެވޭނެ އެކަށީގެންވާ އަމާން މާހައުލެއް ޤާއިމްވެފައި އޮތުމުން ކަމަށާއި މިއަދުގެ އެ ބައްދަލުވުމުގައި އެކަންތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.