06 Sep 2021, 16:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަދި ރ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު މާދަމާ ފައްޓަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދަތުރުގެ ތެރެއިން ށ. އަތޮޅުން ރައީސް ވަޑައިގަންނަވާނީ ފުނަދޫ، ޅައިމަގު އަދި ފޯކައިދޫ އާއި މާއުނގޫދޫއަށް ކަމަށެވެ. އަދި ރ. އަތޮޅުން ވާދޫ އާއި އަލިފުށީގެ އިތުރުން ރަސްގަތީމާއި އަނގޮޅީތީމަށް ވަޑައިގަންނަވާނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރެއްވިއެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު ފެއްޓެވި އެ ދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސް ވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށި ހިމެނުނެވެ.
އެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
އެ ދަތުރުފުޅެކޭ އެއްގޮތަށް މި ދަތުރުފުޅުގައިވެސް ރައީސް ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ހޮސްޕިޓަލްތަކާއި ސްކޫލް ތަކަަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ.