މާލޭގައި ވިޔަފާރި އުސޫލުން މަސްތުވާތަކެތި ވިއްކުމަށް ހިންގަމުން އަންނަ ޑްރަގް ކެފޭތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 07:00 އިން ފެށިގެން ޑްރަގް ކެފޭ ކަމަށް ފާހަގަކުރެވޭ ތަންތަނަށް މީހުން ވަނަނުދީ ހިފަހައްޓަމުން އަންނަ ކަމަށެވެ.

މިފަދަ ތަންތަނުގައި ފުލުހުން 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ 25 ތަނެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރުދީފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ އެފަދަ އަށް މައްސަލައެއް ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު މައްސަލައެއް ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެކަންވެސް ފުލުހުން ފާހަގަކުރިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކެފޭ އުސޫލުން ހިންގާ މ. ބްރައިޓްފްލާވާ ގޭގެ ވެރިމީހާގެ މައްޗަށް ޕީޖީން ވަނީ މިފަހުން ދައުވާކޮށްފައެވެ. އެއީ ޑްރަގް ކެފޭއެއްގެ ވެރިފަރާތަށް ދައުވާ ކުރި ފުރަތަމަ ފަހަރެވެ.