ރިހިވެލި ރިސޯޓް ސަބްލީޒެއްގެ ދަށުން ހިންގަމުން އައި ސޭވް ދަ ޑްރީމްސްގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސޭވް ދަ ޑްރީމްސް އިން އިސްތިއުނާފުކޮށްފިއެވެ.

ރިހިވެލި ރިސޯޓުގެ މައްސަލައިގައި ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްކޮށްފައިވާތީ ސޭވް ދަ ޑްރީމްއަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ވަނީ ހުކުމް ކޮށްފައެވެ.

ހުކުމުގައި އިތުރަށް އޮތީ ސަބްލީޒް އެގްރީމަންޓް ބާތިލު ކުރުމަށްޓަކައި މާހަލް ޓުއާސްގެ ފަރާތުން ސޭވް ދި ޑްރީމް މޯލްޑިވްސްއަށް ފޮނުވައިފައިވާ ޓާމިނޭޝަން ނޯޓިސްއަކީ ސަބްލީޒް އެގްރީމެންޓްގެ ދަށުން ފޮނުވައިފައިވާ ސައްހަ ނޯޓިސްއެއް ކަމަށެވެ.

"ސޭވް ދި ޑްރީމް"ގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މައްސަލަ އިސްތިއުނާފުކުރަން މިއަދު 3:05 ގައި ހުށަހަޅާފައިވާ ކަމަށެވެ.

"ސޭވް ދި ޑްރީމް" އިން ބުނާ ގޮތުގައި މާހަލް ޓުއާސްއާ ދެމެދު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދުމުން އެ ޖޮއިންޓް ވެންޗާ ކުންފުނީގެ އެކައުންޓުގައި ހުރި 550،000 ޑޮލަރު މަހަލްގެ ޑިރެކްޓަރު ވަނީ ސޭވް ދަ ޑްރީމްސްއަށް ނޭނގި ނަގާފައެވެ. އަދި އެ އެކައުންޓުން ލާރި ނެގޭނީ ސޭވް ދަ ޑްރީމްސް ފްރާންސްގެ މެނޭޖަރުގެ ހުއްދަ ލިޔުމަކާއެކުގައި ނަމަވެސް އެ ލިޔުން ދޫކޮށްފައިނުވާ ކަން ފާހަގަކުރެއެވެ.

މާހަލް އިން ސަބްލީޒް އެއްބަސްވުން ބާތިލް ކުރީ މަހުންމަހަށް ކުލި ދައްކަމުން ނުދާތީ ކަމަށް ބުނެއެވެ.

މީގެ ކުރިން ވެސް މިގޮތަށް ސަބްލީޒްއަށް މި ރިސޯޓް ދޫކުރި ދެ ފަރާތެއްގެ އަތުން މާހަލް ޕްރައިވެޓް ލިިމިޓެޑުން ވަނީ މި ރަށް އަތުލައިފައެވެ.

މީގެ ކުރިން އެ ރަށް ހިންގަމުން އައި ކާސްޓަވޭ މޯލްޑިވްސްއާއެކު މާހަލް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން ޖެނުއަރީ 2، 2018 ގައި ބާތިލް ކުރުމަށް ފަހު އެ އަހަރުގެ ފެބްރުއަރީ 15 ގައި ސޭވް ދަ ޑްރީމާއި ހަވާލު ކުރި އެވެ. އޭރު އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމަޔަށް ސޭވް ދަ ޑްރީމަށް އެރަށް ސަބްލީސް ކުރާށެވެ.