ޓްރެފިކް ފުލުހުންނާއި، ސެކިއުރިޓީ ބަލަހަށްޓަންތިބި ފުލުހުންނަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަވާލުކުރި ފެން ކޭސްތަކުގެ ތެރެއިން ބައެއް ފެން ކޭސްތައް ހުއްދައާއި ނުލައި ފުލުހަކު މީހަކަށް ދިން މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް އަމުރުކުރީ ޓްރެފިކާއި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޕޮލިސް ލާންސް ކޯޕްރަލް ލ. ފޮނަދޫ، ވައިމަތީގޭ، އަހުމަދު ރަޝީދު އާއި ހދ. ކުޅުދުއްފުށީ، ގޯބިލިގަސްދޮށުގޭ، އަހުމަދު މުހައްމަދާއި ހަވާލުކުރި ފެންކޭސްތައް ބޭނުންކޮށް ނިމުމުން އަހުމަދު މުހައްމަދު ދިރިއުޅޭ ގެއަށް ގެންދިޔަ މައްސަލައިގަ އެވެ.

އެ ފެން ކޭސްތައް އަހުމަދު މުހައްމަދު ދިރިއުޅޭ ގެޔަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ އަހުމަދު ރަޝީދު ކަމަށް އަހުމަދު މުހައްމަދު ފުލުހުންނަށް ދިން ބަޔާނުގައި ވެއެވެ.

މި ފެން ކޭސްތައް އެ ދެ މީހުންނާއި ހަވާލުކުރީ ޖުލައި 25، 2008 ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ރިހާސަލް ހިނގަމުން ދިޔައިރު، އެ ހިސާބުގެ ޓްރެފިކާއި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ދިނުމަށެވެ.

ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.

ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތްތެރި ކަމުގެ މާނައިގައި ބުނެފައި ވަނީ ތިމާގެ ބެލުމުގެ ދަށުގައި، ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނައާއި ނުލައި ބޭނުންކުރުން، ނުވަތަ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތައް ގެންގުޅުމެވެ.

ކުރީގެ ޖިނާއީ ކޯޓުން އެ މައްސަލައިގައި ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ފެންކޭސްތައް ގެޔަށް ގެންދިޔުމަށް އަހުމަދު މުހައްމަދު ބުނެފައި ވަނީ ނުބައި ނިޔަތެއްގައި ކަމަށް އެނގެން ނޯންނާތީ އާއި އަހުމަދު ރަޝީދު ދައުވާއަށް އިންކާރުކޮށްފައި ވާއިރު އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހެޅިފައި ނުވާތީ އެ މައްސަލަ ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު އާއި އަބްދުލް ޣަނީ މުހައްމަދު އަދި އަލީ ސަމީރު ކުރެއްވި ހުކުމުގައި ވަނީ ކުރީގެ ޖިނާއީ ކޯޓުގެ އެ ހުކުމް ބާތިލްކޮށް އެ މައްސަލަ ޕީޖީ އޮފީހުން ހުށަހެޅުމުން އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.