އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ދަނޑުވެރިން އެއްވެ، މުޒާހަރާކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި އެތައް ސަތޭކަ ދަނޑުވެރިން ވަނީ މުޒަހަރާކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުން ފާސް ކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތައް ބަދަލު ކުރުމަށް ގޮވާލާފައެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާގައި 500،000 އަށް ވުރެ ގިނަ ދަނޑުވެރިން ބައިވެރިވިއެވެ.

އުއްތަރު ޕްރަޑޭޝް އަކީ ދަނޑުވެރިން ގިނަ ސަރަހައްދެކެވެ.

"އަހަރެމެންގެ މި މުޒާހަރާތައް އުއްތަރު ޕްރަދޭޝްގެ ހުރިހާ ސަރަހައްދެއްގައިވެސް ބާއްވާނަން. މޯދީގެ ސަރުކާރަކީ ދަނޑުވެރިންނާ ދެކޮޅު ސަރުކާރެއް ކަމުގެ މެސެޖް ފޯރުކޮށްދޭނަން،" އެ މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ދެކޮޅަށް ދަނޑުވެރިން މުޒާހަރާ ކުރާތާ އަށް މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

އިންޑިއާގެ ޕާލިމެންޓުން ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކުގައި ވަނީ ދަނޑުވެރިންނަށް ސަރުކާރުގެ މާކެޓުތަކުގެ ބޭރުން، އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ ކަމަށެވެ.

ސަރުކާރުން ދެކޭ ގޮތުގައި އެއީ ދަނޑުވެރިން ބޭނުންވާ އަގުތަކުގައި ތަކެތި ވިއްކަން ފުރުސަތު ދޭނެ ގާނޫނުތަކެކެވެ.

ނަމަވެސް އިންޑިއާގެ ދަނޑުވެރިން ވަނީ އެ ގަވާއިދުގެ ސަބަބުން އެމީހުންނަށް ބޮޑެތި ކުންފުނިތަކަށް ރަނގަޅު އަގެއްގައި ތަކެތި ވިއްކުމަށް ދަތި ތަކެއް ދިމާވާނެ ކަމުގައި ބުނެފައެވެ. އެގޮތުން ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގުތިސާދުގެ 15 ޕަސަންޓު ހޯދަނީ ދަނޑުވެރިކަމުންނެވެ.