ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ގުރޫޕުގައި ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ ފަސް މިނިޓު ތެރޭގައި ބްރެޒިލްގެ ސިއްހީ އޮފިޝަލުން ދަނޑަށް އަރައި، މެޗު ހުއްޓުވައިފިއެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން މެޗު ހުއްޓުވީ އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނޭ ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިން ކަރަންޓީނުގެ އުސޫލާ ހިލާފުވިކަމަށް ބުނެއެވެ.

މެޗު ފެށުމުގެ ކުރިން ބްރެޒިލްގެ ސިއްހީ އޮފިޝަލުން ވަނީ ހަތަރު ކުޅުންތެރިޔަކު ކަރަންޓީންވާން ޖެހޭކަން އިއުލާންކޮށްފައެވެ. އެއީ ޓޮޓެންހަމްގެ ޖިއޮވާނީ ލޮސެލްސޯ، ކްރިސްތިއަން ރޮމޭރޯގެ އިތުރުން އެސްޓަން ވިލާގެ އެމީ ބުއެންޑިއާ އަދި ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

ނަމަވެސް އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ އާޖެންޓީނާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް މެޗުގައި ނުކުޅެވޭނެކަން ކުރިން އަންގާފައި ނުވާކަމަށެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރި މެޗު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްއިން ކަނޑައަޅާފައިވާ ރަތް ލިސްޓުގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެހެންކަމުން އާޖެންޓީނާ ގައުމީ ޓީމުގައި ހިމެނޭ ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިން ޓީމާ ވަކިން ތިބުމަށް ބްރެޒިލްގެ ސިއްހީ އިދާރާ 'އަންވިސާ'އިން ވަނީ އަންގާފައެވެ.

އަންވިސާގެ ޑިރެކްޓަރު އެންޓޯނިއޯ ބަރާ ޓޮރޭސް ބްރެޒިލްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މެޗު ހުއްޓުވަން ޖެހުނީ އާޖެންޓީނާ ޓީމުގައި ހިމެނޭ ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިން އަންވިސާގެ އެންގުމާ ހިލާފުވެފައިވާތީ ކަމަށެވެ.