08 Sep 2021, 18:58
ސާފް ޗެމްޕިއަންޝިޕަށް މަހަކަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައި ވާއިރު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަވަށްޓެރި ބައެއް ގައުމުތަކުން އަންނަނީ އެކުވެރި ކަމުގެ މެޗުތަައް ކުޅެމުންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ އެކުވެރިކަމުގެ މެޗު ކުޅުނީ އިންޑިއާއާއި ނޭޕާލުންނެވެ. މުބާރާތް ފެށުމުގެ ކުރިން ގިނަ ގައުމުތަކުގެ ކޯޗުން ސިފަ ކުރާ ގޮތުގައި މުބާރާތުގެ ފެވަރިޓަކީ އިންޑިއާއެވެ.
ގައުމީ ޓީމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ގައުމީ ކޯޗު އަލީ ސުޒޭން ވެސް ބުނެފައިވަނީ ރާއްޖެއަށް އެންމެ ބޮޑު ޗެލެންޖަކަށް ވެގެންދާނީ އިންޑިއާ ކަމަށެވެ.
އެކުވެރިކަމުގެ ދެ މެޗުގައި ވެސް ނޭޕާލުގެ ޓީމުން ފެނުނީ ވަރުގަދަ މޮޅު ކުޅުމެކެވެ. ފުރަތަމަ މެޗު އެއްވަރުކޮށް ދެވަނަ މެޗުން 2-1 ބަލިވިއިރު ނޭޕާލްގެ ފަރާތުން ފެނުން ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ޓީމެއްގެ ގޮތުގައި ނޭޕާލުން ދެއްކި ސާބިތުކަން ފެނި އާޝޯހުވީ ވެސް މަދު ބައެއް ނޫނެވެ.
އަމިއްލަ ގައުމުގައި ރާއްޖެއިން ސާފް ޗެމްޕިއަންޝިޕު ބާއްވަން ތައްޔާރުވަމުން އަންނައިރު އިންޑިއާއަށް އެކަނި ވިސްނުމުގެ ބަދަލުގައި ސަރަހައްދުގެ އެހެން ގައުމުތަކަށް ސަމާލުވުން މުހިންމެވެ.
މުބާރާތުގެ މެޗުތައް އެތުރިފައި އޮތް ގޮތުން ރާއްޖެއިން އިންޑިއާއާއި ދެކޮޅަށް ކުޅެން ޖެހެނީ ފަހު މެޗުގައެވެ. އެހެންކަމުން އިންޑިއާގެ ވަރުގަދަ މެޗަށް ނިކުތުމުގެ ކުރިން ރާއްޖެއިން ބަންގްލަދޭޝް އަދި ނޭޕާލްގެ މައްޗަށް ކުރި ހޯދުން މުހިންމެވެ.
ބަންގްލަދޭޝް އަދި ނޭޕާލުގެ ތެރެއިންވެސް ގިނަ ބަޔަކުގެ ސަމާލުކަން ހުއްޓިފައި އޮތީ ބަންގްލަދޭޝްއަށެވެ. އެގައުމުގެ ލީގަށް ބޮޑެތި ހޭދަތަކެއް ކޮށްފައި އޮތުމާއެކު ބަންގްލަދޭޝް ގައުމީ ޓީމުގެ ފެންވަރު ރަނގަޅު ވާނެކަމަށް ބެލެވެއެވެ.
ނޭޕާލް ޓީމުގެ ކޯޗާއި އެސޯސިއޭޝަންގެ ކޯޅުން
ބަންގްލަދޭޝްއާ ހިލާފަށް ނޭޕާލްގެ ވާހަކަތައް މާގަދައަށް ދެކެވިފައި ނެތެވެ. އެގައުމުގެ ކޯޗު ކަމުގައިވާ ކުވޭތުގެ އަބްދުﷲ އަލް މުތައިރީއާއި އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަނާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދި މުތައިރީ މަގާމުން ވަކިވާން ނިންމާފައިވާކަން އޭނާ ވަނި ފޭސްބުކް މެދުވެރިކޮށް މީގެ ކުރިން އިއުލާންކޮށްފައެވެ.

ކެޕްޝަން.. ނޭޕާލް ގައުމީ ޓީމުގެ ކުވޭތު ކޯޗު އަބްދުﷲ އަލް މުތައިރީ--- ފޮޓޯ: އޭއެންއެފްއޭ
އެ މައްސަލަ އުފެދުނީ މުތައިރީއާއި ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރާއިސް ޕަންކާޖް ނެމްބަންގް އާ ދެމެދުއެވެ. މައްސަލަ ހައްލުކުރެވުނީ އެގައުމުގެ ސްޕޯޓްސް ކައުންސިލުގެ ހާއްސަ ކޮމިޓީއަކުން އިސްނަގައިގެން ކުރި މަސައްކަތުންނެވެ.
މުތައިރީގެ ޓީމު ޝިލެކްޝަންއާ މެދު ނޭޕާލްގެ މީޑިއާ އަދި ކުޅުންތެރިންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގައިފައިވެއެވެ. ނޭޕާލްގެ ފުޓުބޯޅަ ފެޑެރޭޝަން އަދި ގިނަ ކުޅުންތެރިންގެ މެދުގައި މުތައިރީގެ މަގުބޫލުކަން ކުޑައެވެ. ނަމަވެސް އެގައުމުގެ ގިނަ ސަޕޯޓަރުންގެ މެދުގައި މުތައިރީގެ މަގުބޫލުކަން ބޮޑެވެ.
މުތައިރީގެ ޓީމުގައި ޒުވާން ކުޅުންތެރިން ގިނައެވެ. އޭނާ ކޯޗުކަމުގައި ނޭޕާލްގެ ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ސީނިއާ ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ގެއްލިފައެވެ.
މައްސަލަތައް އެކަހެރިކޮށް ނޭޕާލު ޓީމުން އެކުވެރިކަމުގެ ދެމެޗުގައިވެސް ދެއްކި ރަނގަޅު ކުޅުމުގެ ފަހަތުގައި ވަނީ އެގައުމުގެ ޒުވާން ކުޅުންތެރިންނެވެ. ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ ނޭޕާލް ޓިމުގެ ޒުވާން ކުޅުންތެރިންގެ ނުރައްކާ ބޮޑު ވާނެއެވެ.
މީގެ ކުރިން ސާފްޗެމްޕިއަންޝިޕެއް ކާމިޔާބު ކޮށްފައިނުވާ ނޭޕާލަށް އޮތް އުއްމީދަކީ އެ ޓީމުގެ ޒުވާން ކުޅުންތެރިންނެވެ. ޒުވާން ޓީމަކާއެކު އައިސް ނޭޕާލުން ރާއްޖޭގެ ފަސްގަނޑުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެންގޮސްފާނެ ބާވައެވެ.