އަތޮޅުތަކުން 96 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5,764 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 53 މީހެއްގެ އިތުރުން، އަތޮޅުތަކުން 96 މީހަކާއި ރިޒޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81,979 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 2,057 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 23 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 79,683 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 226 ގައެވެ.