05 Sep 2021, 22:57
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅަކީ އެއާޕޯޓުގެ ސިޔާސަތެއްގެ ވާހަކައެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެން މި ސަރުކާރުން ނިންމީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 20 މިނެޓުން ދެވޭނެ އެއާޕޯޓެއް އޮންނަން ވާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް އަތޮޮޅުތަކުގައި ދެ އެއާޕޯޓް އޮތް އިރު އެއާޕޯޓެއް ނެތް އަތޮޅުތައް ވެސް އެބަހުއްޓެވެ. އަތޮޅެއްގައި ދެ އެއާޕޯޓު އަޅާނަމަ ސަރުކާރުގެ މި ސިޔާސަތާ ތަޢާރުޒު ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ބެލެވިދާނެއެވެ.
މިހާރު މީސްމީޑިއާގައި އެންމެ ވައިގައި ހިފައިފައިވާ އެއް ވާހަކައަކީ ކުއްލި ގޮތަކަށް ރ. އަތޮޅު އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމެވެ. ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނައިފައިނުވާ އަދި ކުރިން އެއްވެސް ވަރަކަށް އެ އެއާޕޯޓުގެ ވާހަކަ ވެސް ނުދައްކާ ކުއްލިއަކަށް އެ ނިންމުން ނިންމުމެވެ.
އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިމަހު އެއްވަނަ ދުވަހު ޑިޒައިން އެންޑް ބިޑުގެ އުސޫލުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިއީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުއެވެ.
އެ މަޝްރޫއުގެ ދަށުން އަލިފުށީގައި 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރެއިން 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނީ ރަށުގެ ތަރައްގީ އާއި ގެދޮރުވެެރިކަމުގެ ބޭނުމަށެވެ. އަދި 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކޭ ބިމެވެ.
އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅާނެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 480 މީޓަރުގެ ގްރޮއިންއެއް ގާއިމު ކުރާނެއެވެ. އެއީ 750 ދުވަސްތެރޭގައި ނިންމަން ހަމަޖައްސާފައިވާ، 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ ކުރިން އަލިފުށީ އެއާޕޯޓުގެ ވާހަކައެއް ނެތް!
ރ.އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް މަސައްކަތް ކުރިއެވެ. އެފަހަރު އެއާޕޯޓު އަޅަން ހަވާލު ކުރީ ރ. ފައިނުގައެވެ. ފައިނުގައި އެއާޕޯޓު އަޅަން ހަވާލު ކުރިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީންގެ ދައުުރު ހަމަވުމުން އެ މަސައްކަތް ހުއްޓުނެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފައިނު އެއާޕޯޓުގެ މަސައްކަތް ނުކުރަން ނިންމީ ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެއެވެ. ނަމަވެސް އޭރު ވެސް އަލިފުށީ އެއާޕޯޓެއްގެ ވާހަކައެއް ދެކެވިފައެއް ނުވެއެވެ.
މި އަހަރުގެ ޖަނަަވަރީ މަހު އިއުލާނުކުރި ފަސް އެއާޕޯޓުގެ ލިސްޓުގައި ވެސް އަލިފުށްޓެއް ނެތެވެ. އެފަހަރު އިއުލާނުކުރީ، ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށެވެ.
އެއާޕޯޓަކީ ވަކި ބޭފުޅަކަށް ދިން "ހަދިޔާއެއް"
އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރޭގައި ދެ ރައީސުންގެ މެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. އެއީ ރާއްޖޭގެ އެންމެން ވެސް ދަންނަ ވާހަކައެކެވެ.
ދެ ރައީސުންގެ ކޯޅުމުގެ ތެރޭގައި ރައީސް ޞާލިހުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުގެ ކޮއްކޯފުޅަކާއެވެ.
ދެ ރައީސުންގެ ކޯޅުމުގެ ތެރޭގައި ރައީސް ނަޝީދުވަނީ އެތައް ފަހަރެއްގެ މަތިން ބިގޭއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އަދި ރައީސް ސޯލިހުގެ ސިޔާސަތުތަކާ އެއްކޮޅަށް މަޖިލީހުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް މެންބަރަކީ ވެސް ބިގޭއެވެ.
ރ. ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ސަން"އަށް ވިދާޅުވި ގޮތުގައި އަލިފުށީ އެއާޕޯޓަކީ ވަކި ބޭފުޅަކަށް ސަރުކާރުން ދިން "ހަދިޔާ"އެކެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިއަހަރު އެއާޕޯޓުތައް ތަރައްގީ ކުރާނެ ތަންތަން ބަޖެޓުގައި ހިމަނައިފައި ވަނިކޮށް އެއިން އެއްވެސް ކަމަކާ އަޅާލުމެއް ނެތި ޓަސްލާފަ ނުވެސް ނެތް އެއްޗެއް ކުއްލިއަކަށް އައީމަ މިއީ ވަރަށް ހައިރާންކަން ލިބޭ ކަމެއް. މީގައި އެބައުޅޭ އެހެން ކަހަލަ ކަމެއް. އަޅުގަނޑަށް ބޮޑަށް ބެލެވެނީ ވަކި ބޭފުޅަކަށް ދޭ ހަދިޔާއެއް ގޮތަށް،" އާސިފް ވިދާޅުވިއެވެ.
އަލިފުށީގައި ކުއްލި ގޮތަކަށް އެއާޕޯޓެއް އެޅުމަކީ ބިގޭއަށް ސަރުކާރުން ދިން ހަދިޔާއެއް ހެއްޔެވެ؟ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރޭގައި ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅަކަށްވެ ހުރެ ނެގި ނާޖާއިޒު ފައިދާއެއް ހެއްޔެވެ؟ އަތޮޅުގެ އެހެން ރަށްތަކަށް ނުވިސްނާ އަމިއްލަ ފައިދާއަށް ނިންމި ނިންމުމެއް ހެއްޔެވެ؟
މި ހުރިހާ ސުވާލަކީ އަލިފުށީގެ ކުއްލި އެއާޕޯޓާ ގުޅިގެން އުފެދޭ ސުވާލުތަކެވެ. ދައްކަން ޖެހޭ ވާހަކަތަކެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން --- ފޮޓޯ/ މަޖިލިސް
ރ. އަތޮޅު ދެކުނު ބިތަށް ފައިދާއެއް ނެތް!
ރ. ފައިނުގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހަވާލު ކުރި މަސައްކަތެކެވެ. އެހެން ނަމަވެސްް އެމަނިކުފާނުގެ ވެރިކަން ނިމި ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށްފަހު ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެ އެކަން ވަނީ ހުއްޓައިލައިފައެވެ.
މިއަދާ ޖެހެންދެން ވެސް ރ. އަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓެއްގެ މަސައްކަތް ވަނީ ނުފެށިފައެވެ.
އެ އަތޮޅު އިފުރުގައި އޮންނަ އެއާޕޯޓުގެ ސަބަބުން އަތޮޅުގެ ދެކުނު ބިތުގެ ރައްޔިތުންނަށް ފައިދާ ވޭތޯ މިއީ އުފެއްދިދާނެ ސުވާލެކެވެ. އަދި ދެކުނު ބިތަށް އެއާޕޯޓެއް ބޭނުންވާ މިންވަރަކީ ވެސް ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.
ދެކުނު ބިތުގެ ގިނަ ރަށްރަށުން އިފުރު އެއާޕޯޓަށް ދާން 20 މިނެޓަށްވުރެ ގިނަ އިރު ނަގައެވެ. އެ ބިތުގެ ރަށްރަށުން އިފުރަށް ދާން ނަގާނެ އަންދާސީ ވަގުތަކަށް "ސަން"އިން ބަލައިލީމެވެ.
މާކުރަތު - 15 މިނެޓު
ރަސްމާދޫ - 25 މިނެޓު
އިންނަމާދޫ - 30 މިނެޓު
އިނގުރައިދޫ - 45 މިނެޓު
ފައިނު - 55 މިނެޓު
ކިނޮޅަސް - އެއް ގަޑިއިރު
މީދޫ - އެއްގަޑިއިރާއި 10 މިނެޓު
މަޑުއްވަރީ - އެއްގަޑިއިރާއި 15 މިނެޓު
ދެކުނު ބިތުގެ މި ރަށްރަށުން މިހާއިރުން އިފުރަށް ދެވޭނަމަ އަލިފުށީގައި އެއާޕޯޓެއް އަޅައިގެން ވެސް ވަކި އަވަހަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ. އަލިފުށީގައި އެއާޕޯޓެއް އަޅައިގެން ވެސް ޖެހޭނީ އެއްތާކުއެވެ.
ފައިދާވަނީ ރ. އަތޮޅަކަށް ނޫން، ކޮމަންޑޫއަށް
ރ. އަތޮޅުގެ އުތުރު ބިތުގައި އަލިފުއްޓަކީ ވަކިން އޮންނަ ރަށެކެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ ރަށަކީ އެ އަތޮޅު ވާދޫއެވެ. އެ ރަށުން އަލިފުއްޓަށް ދެވޭނީ 20 މިނެޓުންނެވެ.
ވާދޫއަކީ އަލިފުއްޓާ ކައިރި ރަށަކަށް ވީ ނަމަވެސް ރ. އަތޮޅުގެ ރަށްރަށަށްވުރެ ށ.ކޮމަންޑޫއާ އަލިފުއްޓާ މާ ކައިރިއެވެ. އެ ރަށުން އަލިފުއްޓަށް ދާން ނަގާނީ ވެސް ވިއްސަކަށް މިނެޓެވެ.

ކޮމަންޑޫއާއި އަލިފުއްޓާ ކިތަންމެ ކައިރީގައި އޮތް ނަމަވެސް ކޮމަންޑޫ ރައްޔިތުން ވެސް އަލިފުށީ އެއާޕޯޓާ ދެކޮޅެވެ. ސަބަބަކީ ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި ނުވަތަ ކުޑަފަރުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދަކަށް ވާތީއެވެ.
"އަޅުގަނޑުމެން މި ތިބީ އިންތިޒާރުކޮށްގެން އެކަން [ކޮމަންޑޫ ކައިރީ އެއާޕޯޓް އެޅުން] ވާނެ ކަމަށް. ތިއްބާ އަލިފުއްޓަށް އެއާޕޯޓު ގެންދިޔައީމަ ހިތްހަމައެއް ނުޖެހޭނެތާ،" ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވިއެވެ.
އަލިފުށީ އެއާޕޯޓުން އާމްދަނީ ހޯދާނީ ކިހިނެއް؟
އަލިފުށީ އެއާޕޯޓަށް ރ. އަތޮޅުގެ އެއްވެސް ރިސޯޓަކުން ދާން ޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. ސަބަބަކީ އަލިފުށީ ކައިރީގައި އެއްވެސް ރިސޯޓެއް ނެތުމެވެ.
ރ. އަތޮޅުގައި 13 ރިސޯޓް އޮންނައިރު، ގިނަ ރިސޯޓުތައް އޮތީ ދެކުނު ބިތުގައެވެ. އަލިފުއްޓަކީ އުތުރު ބިތުގައި ވަކިން އޮންނަ ރަށެކެވެ. އެ ރިސޯޓުތަކަށް އަލިފުއްޓަށްވުރެ އިފުރު އެއާޕޯޓާ ކައިރި ވާނެއެވެ.
އެހެންކަމުން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން އަލިފުށީ އެއާޕޯޓަށް ދާނެ ކަމަކަށް ނުބެލެވެއެވެ. އެތަނަށް ދަތުރު ކުރާނީ ގިނައިން ދިވެހި ފަސިންޖަރުންނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރ. އަތޮޅުގެ އާބާދީ ބޮޑީ ދެކުނު ބިތުގައެވެ. އެގޮތުން ދެކުނު ބިތުގެ ނުވަ ރަށުގައި 12،000 މީހުން ދިރިއުޅޭއިރު އަލިފުށި ހިމެނޭ އުތުރު ބިތުގައި އުޅެނީ 7000 މީހުންނެވެ.
ރާއްޖޭގެ ބައެއް އެއާޕޯޓުތަކުން މިހާރު ވެސް ހަރަދު ބޮޑުވެ ދެކޮޅު ނުޖެހިގެން އުޅޭއިރު އަލިފުށި އެއާޕޯޓުން ފައިދާވާނީ ކިހިނެއްތޯ އެއީ ވެސް ސުވާލެކެވެ.
އަލިފުށީ ރައްޔިތުން އުފަލުން، އެހެން ރަށްތަކުގެ ކަންބޮޑުވުން!
އަލިފުށީގައި އަޅަން ނިންމި އެއާޕޯޓާއެކު އަލިފުށީ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެކަން އަލިފުށީ ރައްޔިތުން މީސްމީޑިއާގައި ފާޅު ކުރާ ޝުއޫރުތަކުން ވެސް ހާމަވެއެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި އެއާޕޯޓަށް ރަށަށް އައުމުން ލިބޭނެ ފައިދާތައް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފުށީ އެއާޕޯޓާ ގުޅިގެން އެހެން ރަށްތަކުން ކަންބޮޑުވުން ފާޅު ކުރައްވަނީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
" ބަޔަކަށް އެއްޗެއް ލިބޭތީ އެހެން އުޅޭކަށް ނުވެސް ވާނެ ކަންނޭނގެ ދެއްތޯ. އަޅުގަނޑުމެން އަސްލު ހަގީގަތަކީ ތަރައްގީގެ ގޮތުން 15 އަހަރު ފަހަތުގައެއް ނޫންތޯ މިއުޅެނީ. އަޅުގަނޑުމެންގެ ރަށުގެ ކުރިއެރުން މިއުޅެނީ ވަރަށް ފަހަތުގަ އެހެން ރަށްރަށާ ބަލާއިރު. އަދި ކަމެއް މިހެން އައިސްގެން މީހުން އުޅޭކަށް ނުޖެހޭ ކަންނޭނގެ މިކަހަލަ ގޮތަކަށް" އިމްރާން ވިދާޅުވިއެވެ.
އަލިފުށީ ރައްޔިތުން މި އެއާޕޯޓާމެދު އުފަލުން ތިބި ނަމަވެސް ދެކުނު ބިތުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ މި އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމާއެކު ފެށިފައެވެ. އެ ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އަލިފުށީގައި އެއާޕޯޓު އެޅުމެއް ނޫނެވެ.
އެ ކަންބޮޑުވުމަކީ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށް، ނުވެސް އެނގި ތިއްބާ އަލިފުށީ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމެވެ. އަދި އަލިފުށީ އެއާޕޯޓުން ދެކުނު ބިތުގެ ރަށްރަށަށް ކުރާނެ ފައިދާއެއް ނެތުމުންނެވެ.
ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ޞާދިޤު ވިދާޅުވީ އެއީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
" އެއީކީ މައްސަލައެއް ނޫން. ބަޔަކަށް އެއްޗެއް ލިބޭތީކީއެއް ނޫން ދެކުނު ބިތުގެ ރައްޔިތުން ޝަކުވާ ކުރަނީ. ޝަކުވާއަކީ ދެކުނު ބިތުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައި އެ ވާހަކަ ނުދައްކަވާ، ދުވަހަކު ވިދާޅު ނުވާ ތަނެއްގައި އެ ޔަގީންކަމާއެކު ބަޔަކާ ސޮއިކޮށް ހަވާލު ކުރީމަ" ޞާދިގު ވިދާޅުވިއެވެ.

ރ. އަލިފުށި -- ފޮޓޯ: އަލިފުށި އޮންލައިން
އަލިފުށީގައި އަޅަން މި ނިންމި ކުއްލި އެއާޕޯޓާއެކު ރ. އަތޮޅުގެ ދެކުނު ބިތުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ގިނައެވެ. އެ ކަންބޮޑުވުންތައް ގޮސް ގުޅެނީ ފައިނުގައި އެއާޕޯޓެއް އަޅަން ރައީސް ޔާމީނު ހަވާލު ކުރެއްވުމުން އެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ނުގެންދެވުމުންނެވެ. އެ ހުވަފެން ހަގީގަތަކަށް ނުވެ، އަދި ދެކުނު ބިތުގައި "ކޮންމެހެން ވެސް އޮންނަން ޖެހޭ" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެއާޕޯޓަށް ވީނުވީއެއް ނޭނގި، ކުއްލިއަކަށް އަލިފުށީ އެއާޕޯޓް ހަވާލު ކުރުމުންނެވެ.
އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ނިސްބަތުން ބަލާއިރު، ރ. އަތޮޅަށް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން އެއީ 451 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ އިސްްރާފެއް ތޯ ވެސް ސުވާލު އުފެދެއެވެ. އަދި އެއީ ވަކި ބޭފުޅެއްގެ ސިޔާސީ މަންފާއަކަށްޓަކައި ކޮށްފައިވާ ކަމެއް ކަމުގައި ބެލެވެއެވެ.