ތެހެރާން (ފެބްރުއަރީ 24): އިސްރާއީލަށާއި އެމެރިކާ އަށް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވޭނެ ކަމަށާއި ކިތަންމެ ވަރަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް އެޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށް އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނާއި ވިދާޅުވެއްޖެ އެވެ.

އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުންގެ ތެރޭގައި ހިމެނޭ ބައެއް އިސްފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޚަމަނާއި ވިދާޅުވީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް އީރާނާ ދެކޮޅަށް ކިތަންމެ ވަރަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިދާނެ ކަމަށާއި އަދި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް އިސްވެ ޙަމަލާ ވެސް ދެވިދާނެ ކަމަށާއި ނަމަވެސް މި ދެ ޤައުމަށް ވެސް އަދި މި ދެ ޤައުމުގެ ބައިވެރިންނަށް ވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި ނުލެވޭނެ ކަމުގަ އެވެ.

ޚަމަނާއިގެ ވާހަކާގައި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މެރުމަށް އެމެރިކާ އާއި އިސްރާއީލު ހިންގާ ޓެރަރިސްޓް ޙަރަކާތްތައް ކުށްވެރިކުރައްވައި މިޙަރަކާތްތަކުގައި އަވަހާރަކޮށްލާފައިވާ އީރާނުގެ 4 ސައެންޓިސްޓުންނަކީ ޝަހީދުން ކަމަށް ސިފަކުރެއްވި އެވެ. ޚަމަނާއި މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ މީގެ ދެތިން ދުވަސްކުރިން އީރާނަށް ޒިޔާރަތްކުރި އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީގެ ތަޖްރިބާކާރުންގެ ދަތުރު ނަކާމިޔާބުވެފައި ވަނިކޮށެވެ.
މިދަތުރު ނާކާމިޔާބުވީ އެވްފްދު ވަންނަން ބޭނުންވި އީރާނުގެ މަރުކަޒަކަށް ވަނުމުގެ ފުރްސަތު އެވަފްދަށް ނުދިނުމުންނެވެ. އީރާނުން ބުނީ ބައިނަލްއަޤްވާމީ އިނިސްޕެކްޓަރުންނަށް އެމީހުން އެދޭ ކޮންމެ ތަނެއް ބަލައި ފާސްކުރުމުގެ ފުރްސަތު ދޭނެ ނުޖެހޭ ކަމަށާއި ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާގެ ދަށުން ބަލައިފާސްކުރެވޭނީ ކުރިއްސުރެ ދެފަރާތް އެއްބަސްވެފައިވާ ސައިޓްތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ ގޮތުގައި އެޓަމިކް އެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ކަމުގައެވެ. (އަލްޖަޒީރާ)