މިދިޔަ ޖުލައި މަހު ޖަރުމަނަށް ކުރި ވިއްސާރައިގެ ސަބަބުން ފޯވެ، ގެއްލުން ލިބިފައި ހުރި 51 މިލިއަނަށްވުރެ ގިނަ ޔޫރޯ އެގައުމުގެ ރައްޔިތުން ސެންޓްރަލް ބޭންކާ ހަވާލުކޮށްފިއެވެ.

ޔޫރަޕްގެ އެހެން ހުރިހާ ގައުމުތަކާ އަޅާބަލާއިރު ޖަރުމަނުގައި ފައިސާގެ ނޫޓު ގެންގުޅޭ މީހުންގެ އަދަދު ގިނައެވެ. އަދި މިދިޔަ ޖުލައި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެގައުމުގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ ސަބަބުން، ފައިސާ ނޫޓުތަކަށް ގެއްލުންވެފައިވެއެވެ.

ޖަރުމަނު ސެންޓްރަލް ބެންކުން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުންވުމުން މިމަހު އެ ބޭންކަށް ގެންދިޔަ ނޫޓުތަކުގެ އަގު 51 މިލިއަން ޔުރޯއަށް އަރާ ކަމަށެވެ. އެ ފައިސާގެ ބަދަލުގައި މަރުކަޒީ ބޭންކުން ވަނީ ފައިސާ ގެންދިޔަ މީހުންނަށް ސައްހަ ނޫޓުތައް ދީފައެވެ.

ޖަރުމަނުގެ ސެންޓްރަލް ބޭންކުން ބުނީ، ގެއްލުންވެގެން އާއްމު ގޮތެއްގައި އަހަރެއްގެ މައްޗަށް އެ ބޭންކަށް ގެންދަނީ 40 މިލިއަން ޔޫރޯ ކަމަށެވެ.

ޖަރުމަނަށް ކުރި ވިއްސާރައިގައި އެތައް ބަޔަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޖަރުމަނުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ގެދޮރަށާއި ހިފާ ގެންގުޅޭ އެއްޗެއްސަށްވަނީ ވިއްސާރައިގެ ސަބަބުން އަސަރު ކޮށްފައެވެ. އަދި އެގައުމުގައި މީގެ ކުރިން ދުވަހަކުވެސް ފެންބޮޑުނުވާ ވަރަށް މިފަހަރު ފެންގަނޑު ބޮޑުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށަފައިވެއެވެ.

އެ ވިއްސާރައިގެ ސަބަބުން ޖުމްލަ 180 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް 100 މީހުންނަށް ވަނީ އަނިޔާވެފައެވެ.